ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފެލެޓްތަކުގެ އެތެރޭގައި އިރުއޮއްސި 6:00ގެ ފަހުން މަސައްކަތް ކުރުން އެޗްޑީސީން މަނާ ކޮށްފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ފްލެޓްތަކުގެ އެތެރޭގައި މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިރުއޮއްސި 6 އިން ފެށިގެން ހެނދުނު 8 ކާ ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ. އެހެންކަމުން ފްލެޓްތަކުގައި މަސައްކަތް ކުރާއިރު އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެެވެ.

މީގެ އިތުރުން މަސައްކަތް ކުރާއިރު އެހެން ފްލެޓްތަކަށް ދަތިނުވާނެ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ވެސް އެޗްޑީސީއިން އިލްތިމާސްކުރެއެވެ.

އެޗްޑީސީން މިގޮތަށް މަނާ ކޮށްފައިވަނީ ހިޔާ ފްލެޓްތަކުގައި ރޭގަނޑު ގަޑީގައި މަސައްކަތުގައި ބައެއް ފަރާތްތަކުން އުޅެމުންދާތީ އޭގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫ ވާތީއެވެ.