ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތީގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީން ގާޑިޔާތަކެއް ގާއިމްކުރަން ނިންމައިފިއެވެ.

މި ގާޑިޔާތައް މި ސަރަހައްދުގައި ގާއިމްކުރުމުގެ މަގްސަދަކީ، ސިއްހީގޮތުން ރައްކާތެރި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މި ސަރަހައްދުގައި 8 ގާޑިޔާ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގާޑިޔާތައް ފަރުމާކުރެވިފައި ހުންނާނީ އެޗްޕީއޭގެ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭގޮތަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ގާޑިޔާތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ މޮޑަލްއަކަށް:

  • 4 ގާޑިޔާއެއް ކަޑައެޅިފައިވަނީ ހެދިކާ ގާޑިޔާތަކުގެ ގޮތުގައި. (މި ގާޑިޔާތަކަކީ ގޭގައި ތިބެގެން މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގާއިމްކުރެވޭ ގާޑިޔާތަކެކެވެ).
  • އަނެއް 4 ގާޑިޔާ ކަޑައެޅިފައިވަނީ ހެދިކާގެ ބަދަލުގައި ތައްޔާރީކާނާއާއި ލުއިބުއިންތައް ވިއްކާ ގޮތަށް

މި ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތައް ހުންނަންވާނީ އެޗްޕީއޭގެ ގައިޑްލައިންއާއި އަދި އެޗްޑީސީގެ ފުޑް ވެންޑާސްގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަކީ ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ސާފްތާހިރުކަން ވަރަށް މުހިއްމު ކަމަށެވެ.

މި ހުޅުވާލެވިގެންދާ ގާޑިޔާތަކުގެ ސަބަބުން މިކަމަށް ހެޔޮ ބަދަލެއް ލިބިގެންދާނެ، އަދި މި ކޯޕަރޭޝަންގެ ފަރާތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނިޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން.
އެޗްޑީސީ

މީގެ އިތުރުން، އެ ސަރަހައްދުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްނުދިނުމަށް އާންމުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.