ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ 28 އަހަރުގެ ޒުވާނެކެވެ.

‘ދަ ޕްރެސް’އަށް މައުލޫމާތު ދެއްވަމުން ރ. އުނގޫފަރު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ، މަތުވި ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރު ބޭރު ފުށުން ޒަހަމްތައް ފެންނަން ހުރި ކަމަށެވެ.

އަދި މިހާރު އޭނާގެ ހަށިގަނޑު މާލެ ގެންގޮސްފައިވާ ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ. އޭނާ ހަށިގަނޑު މާލެ ގެނައީ 6:15ގައި ކަމަށް ފަޒީލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 1:50 ހާއިރުއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާ ވެއްޓިފައިވަނީ ހަތަރު ވަނަ ފަންގިފިލާއިން ކަމަށެވެ.

ފުލުހުންނަށް މިހާދިސާގެ މައުލޫމަތު ލިބިފައިވަނީ ރޭ 12:49 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުނގޫފާރި ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.