އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ފުލުހަކު އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްއޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.

ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު ނޫސްވެރިން "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރުދިނީ ނޫސްވެރިން ޕޭމަންޓް މަތީގައި ތިއްބައެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ބުނީ އެކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށާއި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމްޖޭއޭއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެންމެ ފަހުން ބޭއްވި މުޒާހަރާ ކަވަރު ކުރަން ތިބި ނޫސްވެރިންނާ މެދު ފުލުހުން އަމަލު ކުރަމުންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބަޔާނުގައި ވަނީ މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިންނަށް ފުރައްސާރަކޮށް، އިންޒާރުދީ، އަނިޔާކޮށްފައިވާ މައްސަލަތައް ވަރަށް ވެސް ސީރިއަސްކޮށް ބަލާ، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

ރޭ ޕީޕީއެމް އޮފީސް ކުރިމަތީ އެ ހަރަކާތް ފެށީ "އިންޑިއާ އައުޓް" ހަރަކާތަށް ހުރަސް އަޅާތީ އާއި އެ ކަމާ ގުޅިގެން ހައްޔަރުކުރި ކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލަން ގޮވާލައެވެ.