މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރެއްގެ މަގާމު ހުސްވާތީ ބާއްވާ އެ ކައުންސިލްގެ ބައި-އިލެކްޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީއިން ބުނީ އެމްއެމްސީގެ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00ގެ އާ ހަމައަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެމްއެމްސީ މެންބަރުންގެ ޝަރުތުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 18 އަހަރު ފުރިފައިވުން.
  3. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  4. މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  5. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  6. ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  7. ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  8. މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.
  9. ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

އެމްއެމްސީގެ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ލިޔެކިޔުންތައް ޔޫތު މިނިސްޓްރީގެ އީމެއިލް ([email protected])އަށް ޕީޑީއެފް ފޯމެޓުގައި ހުށަހެޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ޔޫތު މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ އެމްއެމްސީގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެ ކަމަށެވެ.