މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި، އެ ބިލު މަޖިލީހުން ބޭރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ކަރުދާހުގައި ވަނީ އެއްގޮތަކަށް ވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫން ކަމަށެވެ. މީޑިއާތަކާއި، ނޫސްވެރިން ކޮންޓްރޯލް ކުރުމަކީ ދުވަހަކު ވެސް ގަޔާވާ ކަމެއް ނޫން ކަމާށާއި، އެމަނިކުފާނު އަބަދުވެސް ބޭނުންވީ މީޑިއާތަކާއި ނޫސްވެރިން ބާރުވެރި ކުރުވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީޑިއާތައް ބާރުވެރި ކުރުވުމަށްޓަކައި ރާއްވަވާފައިވާ ކަންކަން ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް ފައިސާ ދިނުމަށް ހިމަނާފައި ވާނެ ކަމަށެވެ.

އެ ރަސްމިއްޔާތަށް ފަހުު ނޫސްވެރިން ކުރެއްވި ސުވާލާށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބިލު މަަޖިލީހުން ބޭރު ކުރާނެ ކަމަށެވެ.

އެ ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފެށުމާ އެކު އެމްއެމްސީ އާއި ބްރޯޑްކޮމްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދޭނެއެވެ. މި ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި، މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުންކަމަށް ބިލުގައި ބުނެފައި ވެއެވެ. ހަމައެއާއެކު އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ދީފައި ވަނީ ރައީސަށެވެ. ރައީސް އެ ދެ މަގާމަށް ބޭފުޅުން ހަމަޖައްސަން ޖެހެނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، މަޖިލީހުގެ ރުހުމާ އެކުއެވެ.

މި ބިލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ރައީސް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުފުޅުކުރައްވާ ހަަމައެއް ނޫން ކަމަށެވެ. މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފްނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ މިނިވަންކަމާ އެކީ އެމީހަކު ބޭނުން ކަމެއް ކޮށްގެން އުޅުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.