ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2022 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިއުލާންކޮށް، އަންހެން ބައިވެރިންގެ ހިއްސާ އިތުރުކުރުމަށް އަދި ފުރުސަތު ތަނަވަސް ކޮށްދިނުމަށް އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ 20 ޕަސެންޓް އަންހެން ބައިވެރިންނަށް ހާއްސަ ކޮށްފިއެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗް.ޑީ.ސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއް ގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލް ކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެން ދާނެއެވެ. އަދި 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައއި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީން ބުނެއެވެ. އެ ދާއިރާތަކަކީ ހެވީ ވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓާ، ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒް އަދި ބިލްޑިންގް މެއިންޓަނެންސްއެވެ.

މި އަހަރު ބާއްވާ އެ ޕްރޮގްރާމްގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ބައިވެރިވުމަށް ހުށަހަލާ ބައިވެރިންގެ ތެރެއިން 20 ޕަސެންޓް އަންހެނުންނަށް ހާއް ކުރެވޮފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން 6 ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.