ހުޅުމާލެ ދެވަނަ ފޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓް ސަރަހައްދު ސާފުކޮށް ބެހެއްޓޭނީ އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އެއްބާރުލުން ލިބިގެން ކަމަށް އެ ސަރަހައްދު ސާފުކުރަން ހަވާލުވެފައިވާ ފަރާތްތަކުން ބުނެފިއެވެ.

ހިޔާ ޓަވަރު ލިބުނު ފަރާތްތަކުން އެ ތަނަށް ދިރިއުޅުން ބަދަލުކޮށް މިހާރު ގިނަ ފްލެޓްތަކެއްގައި މީހުން އުަލެން ވަނީ ފަށާފައެވެ. ހިޔާ ޓަވަރަުގައި މީހުން ދިރިއުޅެން ފެށި އިރު އެ ތަން ސާފުކޮށް ބަލަހައްޓާނެ ބަޔަކު ނެތުމުން ސިޑި މައްޗާއި ލޮބީ އޭރިއާ ގެ އިތުރުން ހިޔާ ޓަވަރު ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ޖަމާވެފައި ހުންނާތީ އެކަމާ ގުޅިގެން އެތަނުގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ. މި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އެ ސަރަހައްދު ސާފު ކުރުމަށް 4 ސަރަހައްދެއް ކަނޑައަޅާ އެ 4 ސަރަހައްދު 4 ބަޔަކާ ހަވާލު ކޮށްފައެވެ.

ހިޔާ ޓަވަރު ސާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ސާފު ކުރަނީ

އެ ގޮތުން ހިޔާ ޓަވަރު 5،6،7 އަދި 8 ސާފުކޮށް ބަލަހައްޓަމުން ދާ ފަރާތުން ބުނެފައި ވަނީ އެމީހުން އެތަން ސާފު ކުރާ އިރު ސާފު ކުރަނީ، ލިފްޓާއި، ލޮބީ އާއި ސިޑީގެ އިތުރުން ރޭލިންގް ދަގަނޑުތަކާއި ކޮރިޑޯ ކަމަށެވެ. އަދި އެތަން ސާފުކޮށް އެމީހުން ބަލަހައްޓާ އިރު އެތަނުގައި ދިރިއުޅޭ އާންމުންގެ އެއްބާރުލުން ލިބިގެން މެނުވީ އެތަން ސާފުކޮށް ނުބެލެހެއްޓޭނެ ކަމަށް އެމީހުން ބުނެއެވެ.

ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 12:00 އާ ހަމަޔަށް ޓަވަރުތައް ސާފުކުރުމުގެ މަސައްކަތް ކުރާ އިރު، ކޮންމެ ހަފްތާ އަކު އަދި މަހުން މަހަށް މުޅި ސަރަހައްދުގެ ސާފުކުރުމެއް ހިނގާނެ ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައި ވެއެވެ.