"މި ފަހަކާށް އައިސް ބަދިގެއަށް ވަދެ، އުނދުން ރޯކޮށްލަންޖެހޭ ކޮންމެ ފަހަރަކު ހާސްކަމާއި ނުތަނަވަސްކަން ވެރިވޭ. އަތުގައި ހުރި ގޭސް ސިލިންޑަރުން، އެންމެ މަދުވެގެން 2 މަހެއްހާ ދުވަހަށް ފުއްދަން ޖެހޭ" އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅެމުން އަންނަ އަންހެނަކު، ބައިނަލްއަގުވާމީ މީޑިއާއަށް ބުންޏެވެ.

އޭނާގެ އާއިލާއަށް މުޅި ދުވަހަށް ބޭނުންވާ ކެއުން ކައްކާލަނީ އެއް ބުރުންނެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން މުޅި އާއިލާ ބަލަހައްޓާއިރު، އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް، ފިރިމީހާއަށް ޖެހެނީ ގާތްގަނޑަކަށް 10000 ރުޕީޒް ނުވަތަ 129 އަކަށް ޑޮލަރެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި މީޑިއާއާ ވާހަކަ ދެއްކި އެ އަންހެން މީހާއަކީ، ކައްކާ ގޭސް ނުވަތަ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ހޯދުމަށް އިންޑިއާގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އެތައް މިލިއަން ބައެއްގެ ތެރެއިން އެކަކެވެ. އެލްޕީޖީ ހޯދުމަށް އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވަނީ، ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އަގުތައް އުފުލުމުގެ ސަބަބުންނެވެ. މިދިޔަ ހަފުތާގައިވެސް 14.2 ކިލޯގްރާމްގެ ގޭސް ސިލިންޑަރަކުން 50 ބޮޑުކޮށްފައި ވާ އިރު، ގޭސް ސިލިންޑަރެއްގެ އަގު ވަނީ 1000 ރުޕީޒްގެ ފާހަގަ ހުރަސް ކޮށްފައެވެ.

އިންޑިއާގައި ގޭސް ޑެލިވާ ކުރާ މީހަކު މަސައްކަތުގައި / ފައިލް ފޮޓޯ: ޕިޕާނިއުސް

ގޭސް ސިލިންޑަރުގެ ބަހުސަކީ އިންޑިއާގެ ސިޔާސީ މައިދާނަށް އާ ބަހުސެއް ނޫނެވެ. ކުރީގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު، މިހާރު ވެރިކަން ކުރާ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އިންވެސް، ގޭސް ސިލިންޑަރު އަގުބޮޑު ކުރުމާ ދެކޮޅަށް މުޒާހަރާ ކުރިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އާމްދަނީ ދަށްވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ފަހަށް ރައްކާ ކުރި ފައިސާ ކޮޅު ހުސްވުމުން، މައްސަލަ އަނެއްކާވެސް ބޮޑުވީއެވެ.

ފާއިތުވީ ހަފުތާއަށް ބަލާއިރު، އިންޑިއާގެ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. އިންފްލޭޝަން ރޭޓް އުފުލެމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް، އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ އިންޓްރެސްޓް ރޭޓްވެސް ބޮޑު ކޮށްފައެވެ.

ނަމަވެސް، އާންމު ރައްޔިތު މީހާގެ ޖީބަށް ޖެހެމުން ދާ ބަރަށް ލުޔެއް ނެތެވެ. އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ލޯނަށް ފައިސާ ނެގޭނެ ރޭޓް ބޮޑުކުރުމުން، ކުންފުނިތަކުން އެ ހަރަދު "ކަނޑާލަނީ އާންމު މީހާގެ ބޮލަށެވެ". އަގު ބޮޑުވަނީ އާންމު މީހާއަށް ގަންނަން މަޖުބޫރުވާ މުދަލެވެ.

އިންޑިއާގައި 4 މިލިއަން މީހުންގެ ވަޒީފާ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅެނީ ބޯޓުދެލި ނަގާ މައިންތަކާ / ފޮޓޯ: މޮންގަބާޔާ

ލިބާ އެއްޗަކަށް ވުރެ ހޭދަ ކުރަން ޖެހޭ މިންވަރު އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ފައިސާ ހަރަދު ކުރާނެ ކަމެއް އިހުތިޔާރު ކުރުމަށް އާންމުންނަށް މަޖުބޫރުވެއެވެ. ދިރިއުޅުމުގެ ފެންވާރާއި އާދަކާދަ އޮތް ގޮތުން، ހިޔާރު ކުރަން އޮތީ ކާބޯތަކެއްޗާއި ތައުލީމުގެ ތެރެއިން އެއްޗެކެވެ. ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކާ ބައެއް އާއިލާތަކަށް މަޖުބޫރުވެފައި ވަނީ، ކިރު ފަދަ، ހަށިގަނޑަށް ފައިދާ ހުރި ކާބޯތަކެތި ނުގަނެ، މަޑުޖެހިލާށެވެ. މި 2 އިހުތިޔާރަކީވެސް ދިގު މުއްދަތަށް ބަލާއިރު ގެއްލުންދެނިވި އިހުތިޔާރެކެވެ. އިލްމު ހާސިލު ނުކޮށްވެސް ވާކަށް ނެތެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދަތައް ނުލިބިވެސް ވާކަށް ނެތެވެ.

ކައްކާ ގޭހުގެ އަގު އުފުލެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގެއްލުން ދެނިވި ހަކަތައާ ދުރަށް އިންޑިއާއިން އަޅަމުންދިޔަ ފިޔަވަޅުތައްވެސް އިހު އޮތް ގޮތަށް ރުޖޫއަވުމުގެ ބިރު ބޮޑުވެއްޖެއެވެ. ސާފު ހަކަތައަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ދަރު އުނދަނަށް ބަރޯސާވާން މަޖުބޫރުވެއްޖެއެވެ. ދަރު އުނދުން ދޫކޮށް ގޭހަށް ބަދަލުވި މީހުންނަށްވެސް އެކަން އެގޮތުގައި ދެމެހެއްޓިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އަވަށްޓެރި އިންޑިއާގެ ލުނބޯ ބާޒާރެއް / ފައިލް ފޮޓޯ: ރިޕަބްލިކް ވޯލްޑް

އިންޑިއާގެ ރަށްފުށު ހިސާބުތަކަށް ބަލާއިރު މާޗް 2020 ގައި ގޭބިސީއަކަށް ލިބުނު އާމްދަނީއިން 4.9 ޕަސެންޓް ހޭދަ ކުރީ ކައްކާ ގޭސް ހޯދުމަށެވެ. އޭޕްރިލް 2022 ގައި ގޭސް ސިލިންޑަރެއްގެ އަގު 950 ރުޕީޒްއަށް އެރިއިރު، މަހު އާމްދަނީގެ 11 ޕަސެންޓް އެކަމަށް ހޭދަ ކުރަން މަޖުބޫރުވިއެވެ. އެއީ އެންމެ މަދު މިންވަރުގެ އަންދާޒާއެކެވެ.

ތަރައްގީ ވެފައި ވާ ސަރަހައްދުކަށް ބަލާއިރު ފުރުސަތުތައްވެސް މަދެވެ. ދަރު އުނދުން ފަދަ އާންމު ތަންތަނުގައި ކައްކަން ބޭނުން ކުރެވޭ ވަސީލަތްތައް ބޭނުން ކުރެވެން ހުރި ފުރުސަތުތަތައް ހަންޏެވެ. ގިނަ ބަޔަކު ދިރިއުޅެމުން ދަނީ، އެކަށީގެންވާ ފެންވަރަށް ވައި ދައުރު ކުރެވެން ނެތް، ކުދި ކޮޓަރިތަކުގައެވެ.

ކައްކާ ގޭސް ޒަރޫރީ ހިދުމަތެއް ނުލިބުމުގެ މައްސަލައަކީ، އަވަށްޓެރި ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ބޮޑެތި ގޮންޖެހުންތަކާއި ހަމަނުޖެހުންތަކުގެ އަސްލުތަކުގެ ތެރޭގައި ހިމެނުނު މައްސަލައެކެވެ.