ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާތީ އެފަދަ ކަންކަމުން ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މިގޮތަށް ގުޅައިގެން ފައިސާ ހޯދާ މީހުން ފްލެޓްވެރިންނަށް މިހާރު ޕޮއިންޓު ލިބިފައިވާ ވަރު ބުނެދޭ ކަމަށާއި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާ ކަމަށް ބުނާ ކަމަށެވެ. އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ބުނެ އީ-މެއިލް އެޑްރެސް ވެސް އެ ބަޔަކު ހޯދައެވެ.
އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވައި އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލް އަށް ވަނުމަށް ބޭނުންވާ ކަމަށް ބުނެ އެ އީ-މެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށް ކަމަށް ބުނެ އީ-މެއިލްއަށް އެކްސެސް ހޯދާ ކަމަށް ފުލުހުން ބުނެއެވެ. އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓް ބޭންކިން އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުން ދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން އެދެއެވެ.