އެޗްޑީސީއިން ހިޔާ ސަރަހައްދުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ހިޔާގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު، އަލީ ވަޖީހު ވިދާޅުވީ އެޗްޑީސީއިން ހިޔާ ޓަވަރުގެ ސެކިއުރިޓީ އިތުރަށް ރަނގަޅުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން އެންމެ ފުރަތަމަ ކެމެރާ ހަރުކޮށްފައިވަނީ ހިޔާ ޓަވަރު 13 އަދި 14ގައި ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޖީހު ވަނީ ފާހަގަކުރައްވާފައެވެ.

އެ މަސައްކަތްތައް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ހުރިހާ ސަރަހައްދެއްގައި ކެމެރާ ހަރުކުރާނެއެވެ. އޭގެ ތެރޭގައި ހުރިހާ ގޯޅިއަކާއި ލިފްޓްގެ އިތުރުން ޓެރަސްވެސް ހިމެނެއެވެ.

ވަޖީހު އިތުރަށް ވިދާާޅުވީ އުންމީދުކުރަނީ ޓަވަރުތަކުގައި މިހާރު ދިމާވާ އެކި އެކި މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށާއި އެގޮތުން ކުނީގެ މައްސަލަތަކާއި ކުށުގެ މައްސަލަތައްވެސް މަދުވުން ކަމަށެވެ.