ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާގޮތައް ކުރިއަށް ގެންދަން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު މި ފޯރިގަދަ ކުޅިވަރު މެދުކެނޑުމަށް ފަހު، އަލުން މިއަހަރު، ބައިބަލާ މުބާރާތުގެ ނަމުގައި މުބާރާތް ބޭއްވުމަށް ސަރުކާރުން ހުއްދީ، މުބާރާތް އިއުލާންކޮށް، ގުރުއަތު ވެސް ނަގާފައިވާ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ފެށުމަށް ތާވަލުކުރި މި މުބާރާތުގައި 34 ޓީމުން 1000 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި ޓީމުތަކުން ބައިބަލާ ރިންގު އަޅައި، ޕްރެކްޓިސްތަކާއި، ޖޯޒީތަށް ޕްރިންޓްކޮށް ގިނަ ހަރަދުތަކެއް މިހާތަނަށް ކޮށްފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މުބާރާތް ފެށެން އެއްދުވަހަށް ވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ހިނގި މާރާމާރިތަކާ ގުޅިގެން މުބާރާތް ފުލުހުންގެ އެދުމުގެ މަތިން ލަސްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަންއިން އެންމެ ބޮޑަށް އިސްކަންދެނީ ޑިސިޕްލިން ގޭމްއަކަށް ވުމާއެކު، މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާ ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން މި މުބާރާތްވަނީ ފަސްކުރެވިފައިވުމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް މިވަނީ ގޮތްތަކެއް ނިންމާފައެވެ. އަދި މުބާރާތުގެ ތެރެއިންކުޅިވަރުގެ ރޫހާއި، އިޖުމާއި މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ޓީމުތަކާ މެދު ހަރުކަށި ފިޔަވަޅުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.
ބައިބަލާ އެސޯސިއޭޝަން

އެ އެސޯސިއޭޝަނުން ބުނީ މިމުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައި ވަނީ ފުލުހުންނާ ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިން ކަމަށެވެ. އެގޮތުން ފުލުހުން އެދުނުގޮތައް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަން އެ އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ.

އެހެންކަމުން 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާގޮތައް ކުރިއަށް ގެންދިޔުމަށް ނިންމާ، އެކަންކަން އިންތިޒާމް ކުރަން ފަށާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން ބުނީ، ރާއްޖޭގެ ސަލާމަތްތެރިކަމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބަލައި ކަށަވަރުކުރަން ޖެހޭ ކަމަކަށް ވީހިނދު، އެ އެސޯސިއޭޝަނުން ކުރިއަށް ދާނީ ފުލުހުންގެ އިރުޝާދާއެކު އެންމެ މަސްލަހަތު ހުރިގޮތެއްގައި ކަމަށެވެ.