ހުސްވި އޭޕްރިލް މަހުން ދުވަހެކެވެ. އުމުރުން 46 އަހަރުގެ ފިރިހަނަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަންހެނުން މަރާލި ކަމުގެ ކުށުގެ ތުހުމަތުގައެވެ. ބުނެވޭ ގޮތުގައި އަނބިމީހާ މަރާލީ، ހެނދުނުގެ ނާސްތާއަށް ތައްޔާރު ކޮށްދިން އިރު ލޮނު ރަހަ ގަދަވުމެވެ.

އިންޑިއާ ފުލުހުންގެ މީޑިއާ އޮފިޝަލު މިލީން ދިސާއީ ވިދާޅުވީ، މުމްބާއީގެ ބޭންކެއްގައި މަސައްކަތް ކުރާ ނިކޭޝް ގާގް، އުމުރުން 40 އަހަރުގެ އަނބިމީހާ މަރާލީ، ސާބުދާނާ ކިޗްޅީ ނުވަތަ ހެނދުނުގެ ނާސްތާއަށް ސާގުން ތައްޔާރު ކޮށްދިން ކޭމުގައި ލޮނު ރަހަ ގަދަވެގެން އެރި ރުޅިއެއްގެ ސަބަބުން ކަމަށެވެ.

އެ ދެމަފިރިންގެ، 12 އަހަރުގެ ދަރިފުޅަށް އޮތީ އެ ހިތްދަތި މަންޒަރު ފެނިފައެވެ. އެކުއްޖާ ވަނީ، މަންމަ (ނިރްމަލާ) ފަހަތުން، ޝަކުވާ ކުރަމުން ބައްޕަ ދިޔަ ކަމަށާ، ކޮޓަރިއަށް ވަދެ، މަންމަ ގައިގައި ތެޅި ކަމަށް ފުލުހުންނަށް ކިޔައި ދީފައެވެ. މަންމައަށް އަނިޔާ ނުކުރުމަށް އެ މައުސޫމު ކުއްޖާ ވަނީ ބައްޕަ ގާތު އާދޭސްވެސް ކޮށްފައެވެ. ނަމަވެސް ގާގް ދިޔައީ އޭނާގެ އަނބިމީހާ ގައިގައި ތަޅަމުންނެވެ. އަދި ވާގަނޑަކުން އޭނާ ކަރުދަން ޖެއްސީއެވެ.

އިންޑިއާގެ ގެވެށި އަނިޔާ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ކުރެހުމެއް / ފައިލް ފޮޓޯ: ނޭޝަނަލް ހެރާލްޑް

ބައްޕަ ގެއިން ނިކުމެގެން ދިއުމުން، މަންމަ ފަރާތު މާމައާއި ބޮޑުބެއަށް އެކަން އެންގީ ދަރިފުޅެވެ.

ސީންއަށް ފުލުހުންނަށް ދެވުނު އިރު، އާއިލާއިން ވަނީ ނިރްމަލާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭރު ނިރްމަލާ މި ދުނިޔެއާއި ވަކިވެއްޖެއެވެ.

މި ހާދިސާގައި ތުހުމަތު އަމާޒުވާ ގާގް، ފުލުހުންނަށް ހާޒިރުވީ އަމިއްލައަށެވެ. އަދި އޭނާއަކީ ލޭ މައްޗަށް ދާ ބަލި ބްލަޑް ޕްރެޝާ މައްޗަށް ދާ މީހެއް ކަމަށް ފުލުހުން ގާތު ބުނި ކަމަށް ވެއެވެ. ފުލުހުން އޭނާ ފޮނުވާލީ ޖަލަށެވެ.

ނިރްމަލާގެ އާއިލާއިން ފުލުހުންނަށް ކިޔައިދީފައި ވާ ގޮތުގައި ގެވެށި މައްސަލަތަކުގައި އެދެމަފިރިން ޒުވާބު ކުރާތާ 15 ވަރަކަށް ދުވަސްވެއްޖެއެވެ. ނަމަވެސް، އެ ފަދަ ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ދިސާއީ ވިދާޅުވެއެވެ.

ކޭމެއްގެ މައްސަލާގައި ދެމަފިރިން ޒުވާބުކޮށް، އަނބިމީހާ މަރާލުމަކީ އިންޑިއާގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ސިލްސިލާ ގޮތެއްގައި ޖާގަ ހޯދާ މައުލޫއެކެވެ. އެފަދަ ބައެއް ކޭސްތަކަށް ބަލާއިރު:

  • ޖެނުއަރީ މަހު ނޮއިޑާއިން ފިރިހެނަކު ހައްޔަރު ކުރީ، ރޭގަނޑު ކޭން، ސުފުރާއަށް ނަގާ ދިނުމަށް އިންކާރު ކުރުމުން އަނބިމީހާ މަރާލި ކަމުގެ ކުށުގައެވެ.
  • ޖޫން 2021 ގައި އުއްތަރަ ޕްރަދޭޝްއިން މީހަކު ހައްޔަރު ކުރީ ކޭމާއެކު ސެލަޑް ތައްޔާރު ކޮށްދީފައި ނެތުމުން އަނބިމީހާ މަރާލި މައްސަލާގައެވެ.
  • އޭގެ 4 މަސް ފަހުން ބެންގަލޫރުން ފިރިހެނަކު ހައްޔަރު ކުރީ، "އެންމެ ފުރިހަމައަށް" ކުކުޅު ތެލުލައި ނުދީގެން އައި ރުޅީގައި ތެޅިތެޅީނުން އަނބިމީހާ މަރާލައިގެންނެވެ.
  • 2017 ވަނަ، އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ، ފިރިމީހާއަށް ރޭގަނޑުގެ ކެއުން ދޭން ލަސްވެގެން އައި ރުޅީގައި އަނބިމީހާ ގަޔަށް ބަޑިޖަހާ މަރާލި މައްސަލާގައެވެ.

މިންތީގެ ހައްގުތަކަށް ވަކާލާތު ކުރާ މަދާވީ ކުކްރީޖާ ބުނާ ގޮތުގައި މަރާއެކު ސަމާލުކަން ލިބުނު ނަމަވެސް، މިފަދަ އަނިޔަތަކަކީ 'ފޮރުވާލެވިފައިވާ' ޖަރީމާތަކެކެވެ.

އިންޑިއާގެ ގެވެށި އަނިޔާ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ކުރެހުމެއް / ފައިލް ފޮޓޯ: އާރްއެސްއެން

ފިރިންނާއި ފިރިންގެ އާއިލާގެ ފަރާތުން ލިބޭ ލާއިންސާނީ ގެވެށި އަނިޔާގެ ޝަކުވާއަކީ، އިންޑިއާގައި އެންމެ އާންމު ރިޕޯޓް ކުރާ މައްސަލައެވެ. ރަސްމީ ތަފާސްތައް ލިބެން އޮތް އެންމެ ފަހުގެ އަހަރަކީ 2020 ވަނަ އަހަރު ކަމަށް ވާ އިރު، އެ އަހަރު އެކަނިވެސް 112292 އަންހެނަކު ވަނީ އެފަދަ ޝަކުވާ (ފުލުހުންނަށް) ހުށަހަޅާފައެވެ. އެއީ ކޮންމެ 5 މިނެޓަކުން އަނިޔާއެކެވެ.

އިންޑިއާގެ އިޖުތިމާއީ ހާލަތު ވަޒަން ކުރުމަށް އެގައުމުގެ ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ އެއް ހަރަކާތް ކަމަށް ވާ ނޭޝަނަލް ފެމިލީ ހެލްތު ސާވޭގެ ނަތީޖާއިންވެސް ދޭހަ ވަނީ މިފަދަ ވާހަކަތަކެކެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 40 ޕަސެންޓް އަންހެނުން އަދި 38 ޕަސެންޓް ފިރިހެނުން ބުނި ގޮތުގައި، ފިރިންގެ ފަރާތުން އަނބިންނަށް އަނިޔާ ލިބުމަކީ "އޯކޭ" ކަމެކެވެ.

ނަމަވެސް އެއީ ވަކި ހާލަތްތަކެއްގައެވެ. އެގޮތުން ފިރިމީހާގެ އާއިލާ މެންބަރުންނަށް އިހުތިރާމް ނުކުރުން، ގެއާއި ދަރިންގެ ކަންކަމުގައި އިހުމާލުވުން ނުވަތަ ފަރުވާ ކުޑަކުރުން، ފިރިމީހާ ގާތު ނުބުނެ ބޭރަށް ދިއުން އަދި ޖިންސީ އެދުންވެރިކަން ފުއްދާ ދިނުމަށް އިންކާރު ކުރުން ފަދަ ސަބަބުތައް ހިމެނޭއިރު، "ރަނގަޅަށް" ކައްކައި ނުދީގެން އަނިޔާ ކުރުމަކީވެސް "އޯކޭ" ކަމެއް ކަމަށް އެ މީހުން ބުނެއެވެ.

އިންޑިއާގެ ގެވެށި އަނިޔާ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ކުރެހުމެއް / ފައިލް ފޮޓޯ: ނިއުއިންޑިއާއެކްސްޕްރެސް

ވަކިވަކި ހަލާތަތްތަކުގައި ފިރިންގެ ފަރާތުން އަނިޔާ ހައްގު ކަމަށް އެންމެ ގިނަ އަދަދަކަށް އަންހެނުން އެއްބަސްވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އަންދްރަޕްރަދޭޝް، ތެލަންގާނާ، ޓެމިލް ނާޑޫ އަދި ކަރްނާޓަކާ ސްޓޭޓް ފާހަގަ ކުރެވެއެވެ. އެފަދައިން ގަބޫލު ކުރާ ފިރިހެނުން އެންމެ ގިނައީ ކަރުނާޓަކާ، ތެލަންގާނާ، އަންދްރަޕްރަދޭޝް އަދި ކެރަލާ ސްޓޭޓްގައެވެ.

ފިރިންގެ ފަރާތުން އަނބީންނަށް އަނިޔާ ހައްގު ކަމަށް އެއްބަސްވާ އަންހެނުން ގިނައީ އިންޑިއާގެ ސަގާފަތް އޮންނަ ގޮތުން، އެއީ އަންހެނުންގެ މަގާމު ކަމަށް ގަބޫލު ކުރެވިފައި އޮންނަ މަޖުބޫރު ކަމެއްގެ ސަބަބުންނެވެ. ސިލްސިލާ ގޮތެއްގައި އަނިޔާ ލިބޭ އަނބީންވެސް، އެއީ އެމީހުންނަށް "ހުރި ގޮތް" ކަމުގައި ގަބޫލުކޮށް މައްސަލަ ރިޕޯޓްވެސް ނުކުރަނީއެވެ. ޝަކުވާއެއް ކޮށްގެން ގެއިން ނެރެލައިފިނަމަ، ދަރިންކޮޅާއެކު ދާނެ ތަނެއް ނެތުމަކީވެސް ސަބަބެކެވެ.