ދިވެހިންގެ ތެރޭގައި ވެސް މަސައްކަތުގެ މާހައުލުގައި އަދި އިޖްތިމާއީ ގޮތުން މުޖުތަމައުއަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ މީހުން އުޅޭ ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ނަމަވެސް މި ފަދަ މަސައްކަތުގައި އުޅޭ ދިވެހި އަންހެނުން މަދުކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން ރަށްރަށަށް ތަރައްގީ ގެނެސްދިނުމުގެ އުންމީދުގައި އަދި މަސައްކަތުގެ މާހައުލަށް އަންހެނުން ނެރެ ބާރުވެރި ކުރުވުމަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދެމުން އަންނަ އަންހެނުންގެ ވާހަކައަކީ މަދުން އިވޭ ވާހަކަތަކެވެ.
މި ރޯދަ މަހަށް ހާއްސަކޮށްގެން "ދަ ޕްރެސް" އިން ގެނެސްދޭ "މީހުން" ސިލްސިލާގައި މިއަދު މި ހާއްސަކޮށްލަނީ އެ ފަދަ ނަމޫނާއެއް ދައްކަމުން އަންނަ ހިތްވަރު ގަދަ އަދި މަސައްކަތުގައި ފަސްނުޖެހި ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމެއްގައި ހުރި ދިވެހި އަންހެން ދަރިއެއްގެ ވާހަކައެކެވެ. ލ އަތޮޅަށް ތަރައްގީ ގެނެސް ދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރި އެ އަތޮޅަށް އުފަން ފާތިމަތު ޒައީމާގެ ވާހަކައެވެ.
1998 ވަނަ އަހަރު ހައްދުންމަތީ އަތޮޅު އޮފީހުގެ ވޯކީ ޓޯކީ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ފެއްޓި ޒައީމާ އަކީ މިއަދު ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ކައުންސިލް އެކްޒެކެޓިވްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މީހެކެވެ. 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މުޖުތަމައަށް ހިލޭ ސާބަހަށް މަސައްކަތް ކޮށް އުފެއްދުންތެރި، ހިންގުންތެރި، ހަރުދަނާ ބައެއްގެ ގޮތުގައި އަންހެނުން ތަމްރީން ކުރުމުގައި އިސް ރޯލެއް އަދާ ކުރި ޒައީމާ އަކީ ލ. އަތޮޅުގެ ރައްޔިތުންނަށް ބީރައްޓެހި މޫނެއް ނޫނެވެ.
އިޖްތިމާއީ ގޮތުން އެ އަތޮޅަށް ގިނަ ކަންތައްތަކެއް ކޮށްދިނުމުގައި ސާބިތުކަމާއެކު ހުރި ޒައީމާ، މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން ބުނީ، އިޖްތިމާއީ މަސައްކަތްތަކަށް އޭނާ ހިތް ޖެހުނީ މަދްރަސީ ހާޔަތުގައި ސްކޫލުގައި ހިންގާ އިޖްތިމައީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ. އޭރުން ފެށިގެން ރަށުގައި ހިންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެ ފަދަ ފުރުސަތްތަކަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. ޒަވާޖީ ހަޔާތެއް ފަށައި ދެ އަންހެން ދަރިން ލިބި އެ ކުދިން ސްކޫލްގައި ކިޔެވި އިރު ސްކޫލް ޕީޓީއޭގައި ޒައީމާ ބައިވެރިވެގެން އުޅުން ވެގެން ދިޔައީ އެންމެ ފުރަތަމަ އިޖްތިމާއީ މަސައްކަތަށް އޭނާ ނިކުތް ދުވަސްވަރު ކަމަށް ޒައީމާ ބުނެއެވެ.
މަސައްކަތުގެ މާހައުލުގައި 23 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޒައީމާ އޭނާ މިހާރު ހުރި މަގާމަށް އާދެވުނީ ބުރަ މަސައްކަތްތަކަށް ފަހުގައެވެ. އަތޮޅު އޮފީހުގެ ވޯކީ ޓޯކީ އޮޕަރޭޓަރުގެ މަގާމުގައި ހުރެ، މިހާރު ހުރި މަގާމަށް އައި އިރު އޭނާއަށް އެ އޮފީހުގައި ކުރަން ނޭނގޭ މަސައްކަތެއް ނެތެވެ. މަސައްކަތުގެ މާހައުލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރި ޒައީމާގެ ތައުލީމީ ހަޔާތަށް ބާލައިރު އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދައިރާއިން މާސްޓާސް ހާސިލް ކޮށްފައެވެ.
ހަމައެއާއެކު ވެސް ވޮލީބޯލް ރެފްރީކަމުގެ ތަމްރީން ހާސިލްކޮށްފައިވާ އިރު އޭނައަކީ ބަށި އަމްޕެއަރުކަމުގެ ތަމްރީނާއި ޖަނާއިޒް ކޯސް ވެސް ފުރިހަމަ ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ޖަޕާނުގައި ކުރިއަށް ގެންދިޔަ 5 ބާވަތެއްގެ ގަސްކާނާ ތައްޔާރު ކުރުމުގެ ތަމްރީން ހާސިލްކޮށް ރާއްޖެއަށް "ކާދުބޯޑްބޮކްސް ކޮމްޕޯސިޓް" ތައާރަފްކޮށް އެ ބާވަތުގެ ގަސްކާނާ ވެސް އޭނާ ވަނީ ތައްޔާރު ކޮށްފައެެވެ.
އަންހެނުންގެ ތަރައްގީއަށް ޒައީމާ އިސްވެ ހުރެ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އަންހެނުން ހޭލުންތެރި ކުރުވުމަށް ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކާއި ކޯސްތައް އޭނާ ވަނީ ހިންގާފައެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މޫދު ކަސްރަތު ޕްރޮގްރާމާއި، ޔޯގާ ކްލާސްތަކާއި އެނދުމަތިކޮށްފައި ތިބޭ ބަލި މީހުން ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދޭ ކްލާސްތައް ވަނީ ހިންގާފައެވެ.
ހަމައެއާއެކު ބިއުޓީޝަން، ކޭކް ޑެކަރޭޝަން، ޕޭސްޓްރީ، ފެހުމާއި، ވޫލާއި ބަރަނިން މާޖެހުމާއި އަދި އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށް ދިނުމާއި، ކަށުކަމާކެމީގެ ތަމްރީން ކޯސްތައް ވެސް އޭނާ ވަނީ ހިންގާފައެވެ. މީގެ އިތުރުން ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވާ ތަރައްގީ ކުރުމަށް އަންހެނުނަށް އެހީތެރިވުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި އެ އަތޮޅުގައި ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ ގޮތުން، ފެނުގައި ގަސް އިންދުމުގެ ޓްރެއިނިން ޕްރޮގްރާމެއް ވެސް އޭނާ ވަނީ ހިންގާފައެވެ. ގޭގޭގައި ހިފާ ގެންގުޅޭ ކަރަންޓުގެ ބައެއް ސާމާނުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ކޯހެއްވެސް މިދިޔަ އަހަރު ވަނީ ހިންގާފައެވެ.
އަދި އަތޮޅު ތެރޭގައި އަތްތެރި މަސައްކަތް ދިރުވާ އާލާ ކުރުމުގެ ގޮތުން ޒައީމާ އިސްވެ ހުރެ 53 މީހަކަށް ވަނީ އެ މަސައްކަތް ވެސް ދަސްކޮށް ދީފައެވެ. މީގެ އިތުރުން ވެސް ކަސަބް ވިޔަން ދަސްކޮށްދޭ ކޯހެއް ވެސް ޒައީމާ ވަނީ ހިންގާފައެވެ.
އަންހެނުންނަށް ހާއްސަކޮށް ނޫނަސް، ލ. އަތޮޅުގެ ކުދި އަދި ބޮޑެތި މީހުންނަށް ވެސް އެތައް ކަމެއް ޒައީމާ ވަނީ ކޮށް ދީފައެވެ. އެ ގޮތުން ލ އަތޮޅު ތައުލީމީ މަރުކަޒު ކުރިއެރުވުމަށް ވެސް ޒައީމާ ވަނީ ގިނަ މަސައްކަތެއް ކޮށްދީފައެވެ. އެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި އެ ސްކޫލްގައި 16662 އަކަފޫޓްގެ ވޯކްވޭއެއް ހަދައިދީ، އެ ސްކޫލުގައި ރީޑިން ޕާކެއް ހަދައިދީ، ލައިބްރަރީއަށް ފޮތްތައް ހަދިޔާ ކުރުމާއި، ދަރިވަރުންގެ ތަރައްގީއަށް ކޮމްޕިއުޓާ ލެބަށް ބޭނުންވާ ސާމާނު ހޯދުމަށާއި ކްލާސްރޫމްތައް ޑިޖިޓަލް ކުރުމަށް ވެސް އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމައެއާއެކު ފޮޓޯގްރަފީއަށް ޝައުގުވެރިކަން ހުރެ އަމިއްލަ ކެމެރާއެއް ގެންގުޅޭ ޒައީމާ ވަނީ އިހަށްދޫ ސްކޫލަށް އޭނާގެ ކެމެރާ ވެސް މިއަހަރުގެ ޖެނުއަރީ މަހު ހަދިޔާ ކޮށްފައެވެ.
ޒައީމާ އަށް ލިބިފައިވާ ކާމިޔާބީތައް:
- 2008 ވަނަ އަހަރު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ދިން "ޒުވާނުންގެ ގައުމީ އިނާމް"
- 2010 ވަނަ އަހަރު ޖޭސީއައި މޯލްޑިވްސްގެ "ޓެން އައުޓް ސްޓޭންޑިން ޔަންގް ޕާސް އެވޯޑް"
- 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން އަންހެނުންނަށް ދިން އެންމެ ޝަރަފުވެރި އެވޯޑް "ރެހެންދި އެވޯޑް"
- 2017 ވަނަ އަހަރު ހައްދުންމަތީ އަތޮޅު ކައުންސިލުން ދިން "އިހައްދުންމަތީ ޝަރަފްވެރި އެވޯޑް"
- 2017 ވަނަ އަހަރުގެ އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮގުން ލިބުނު "ގައުމީ އިނާމް"
- 2018 ވަނަ އަހަރު ވިމެން އޮންބޯޑުން ދިން " ބެސްޓް ވިމެން ލީޑާ ޝިޕް އެވޯޑް"
- ވިމެން އިން މެނޭޖްމެންޓުން ދިން "ޕްރޮޕެޝަނަލް ކެރިއާ ވިމެންސް އެވޯޑްސް މޯލްޑިވްސް 2019"
ލ. އަތޮޅުގައި އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ ކަމަށް ވާ، ވިމެންސް އެންހޭންސްމަންޓްގައި ޒައީމާ ޖެނެރަލް ސެކެޓްރީގެ މަގާމް އަދާކުރަމުން އަންނަ އިރު އެ ޖަމިއްޔާގައި އޭނާ އިސްވެ ހުރެ ވަނީ ޖަމިއްޔާއަށް ރީތި ނަންތަކެއް ހޯދައި ދީފައެވެ. އެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލުން ދިން އިހައްދުންމަތީގެ ޝަރަފްވެރިކަމުގެ އެވޯޑް ވެސް 2017 ވަނަ ވަނީ ލިބިފައެވެ. އަދި އެ އަހަރު މާލޭގައި ރައީސް އަބްދުﷲ ޔާމީންގެ އަބިކަނބަލުން ފާތިމަތު އިބްރާހިމް 2017 ވަނަ އަހަރު ބޭއްވި "ހީވާގި ކަނބަލުންގެ" މައުރަޒުގައި ލިޔެލާ ޖެހުމުގެ ގިންތިން އެ ޖަމިއްޔާއަށް ވަނީ މުޅި ރާއްޖެއިން 2 ވަނަ ވެސް ލިބިފައެެވެ.
ޒައީމާ އަކީ އެ އަތޮޅުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރާ އަދި ބަށި މުބާރާތްތަކުގައި އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ހަމައެއާއެކު ގައުމީ، އަތޮޅު އަދި ރަށު ފެންވަރުގައި ހިންގާ އެކިއެކި ހަރާކާތްތަކުގައި އަމިއްލަ ނަމުގައި އިނާމް ހުށަހެޅުމުގެ އިތުރުން އެ ހަރަކާތްތަކުގައި އަމަލީ ގޮތުން ޒައީމާ ބައިވެރިވެ އޭނާއަކީ ހިންގުންތެރިކަމުގެ ލާމަސީލް ނަމޫނާއެކެވެ.
ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެމުން އައި ޒައީމާގެ އެންމެ ބޮޑު އެއް ހުވަފެނަކީ އޭނާ ކުރަމުންދާ މަސައްކަތް ބަލައިގަނެ ގައުމީ ފެންވަރުގައި އެކަން ފާހަގަ ކުރެވިގެން ދިއުމެވެ. މިއަދާ ހަމައަށް އައި އިރު އޭނާ ދެކެމުން އައި ހުވަފެން އޭނާއަށް ވަނީ ހާސިލްވެފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 7 އެވޯޑެއް އޭނާއަށް ވަނީ ލިބިފައެވެ.
އޭގެތެރެއިން އޭނާއަށް ފާހަގަކޮށްލެވޭ އެވޯޑްތަކަކީ އޭނާއަށް 2008 އަށް ވަނަ އަހަރު ލިބުނު ޒުވާނުންގެ ގައުމީ އިނާމާއި 2016 ވަނަ އަހަރު އަންހެން ކަނބަލުންނަށް ދިން އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ "ރެހެންދި އެވޯޑް" އާއި 2017 ވަނަ އަހަރުގެ އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮގުން ލިބުނު "ގައުމީ އިނާމް" އެވެ. މީގެ އިތުރުން ފާތިމަތު ޒައީމާ ތިން ދައުރު ފުރިހަމަ ކޮށްފައިވާ ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް 2021 ވަނަ އަހަރު ލިބުނު "ރެހެންދި އެވޯޑް" އަކީ ވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީއެކެވެ. މިއީ މިހާތަނަށް މި ފަދަ އެވޯޑެއް ލިބުނު ހަމައެކަނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ވެސް މެއެވެ.
މިހާ ހިސާބަށް އައުމުގައި އޭނާއަށް ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށާއި އެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި މިހާ ހިސާބަށް ނުދެވޭނެ ކަމަށް އޭނާ ބުނެއެވެ. މި ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޭނާގެ މަންމަ އާއި އާއިލާ ފާހަގަކުރެއެވެ. ހަމައެއާއެކު އޭނާގެ މަސައްކަތުގެ މި ދިގު މުއްދަތުގައި އެކުގައި މަސައްކަތް ކުރި މީހުންނާއި އޭނާ މަސައްކަތް ކުރާ ޖަމިއްޔާ ހިންގުމުގައި އުޅޭ މީހުންނަކީ ޝުކުރުގެ ލިސްޓުން ދޫކޮށްލެވޭނެ ބައެއް ނޫން ކަމަށް އޭނާ ބުނެއެވެ.
އޭނާގެ ކާމިޔާބީގެ ފަހަތުގައި އޭނާއަށް ފުރައްސާރަ ކުރި ބައެއްގެ ފަރާތުން އަމާޒުވި ބަސްތަކަކީ ކުރިއަށް ދާން ލިބުނު ހިތްވަރެއްގެ ގޮތުގައި ޒައީމާ ދެކެއެވެ. އެ ދުވަހު އެމީހުން ކުރި ފުރައްސާރައިގެ ސަބަބުން އެތައް ބައެއްގެ ހިތްވަރު ލިބުނު ކަމަށާއި އެފަދަ ފާޑު ކިޔުންތަކަކީ ވެސް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ދެކިގެން ފަސްނުޖެހި ކުރި މަސައްކަތުގެ ނަތީޖާއަކީ 17 އަހަރު ވީ އިރުވެސް މެދުކެނޑުމެއް ނެތި މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމުގައި އޭނާ ދެމިހުރުމެވެ.
ޒައީމާ ބުނާ ގޮތުގައި ޅަ އުމުރުގައި މަސައްކަތަށް ނިކުތް ނަމަވެސް ދިގު މުއްދަތެއް ވަންދެން މަސައްކަތުގައި ދެމި ހުންނަނީ މަދު ބައެއް ކަމަށެވެ. ގިނަ ފަހަރަށް އަންހެނުންނަކީ ޒަވާޖީ ހަޔާތެއް ފަށައި ދަރިން ލިބޭ ހިސާބުން މަސައްކަތުން އެކަހެރިވާން ޖެހޭ ބައެއް ކަމަށާއި އަދި އެމީހުންނަށް މުޖުތަމައުގައި ދިމާވާ ތަފާތު ގޮންޖެހުންތަކުން އަރައި ނުގަނެވިގެން މަސައްކަތާ ދުރަށް ދާންޖެހޭ ފަހަރު ދިމާވާ ކަމަކީ ގިނައިން ފެންނަ ކަންކަން ކަމަށް ޒައީމާ ބުނެއެވެ.
ޒައީމާގެ ހަޔާތުގެ ތަޖުރިބާގެ އަލީގައި އަދުގެ ޒުވާނުން އަދި ހާއްސަކޮށް މަސައްކަތުގެ މާހައުލަށް ނުކުންނަ ކަނބަލުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ، މަސައްކަތެއް ފެށުމުން އެކަމަށް ފާޑުކިޔާ ބަޔަކު އަންނަނެ ކަމަކީ ގަބޫލު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ގޮތުން ތިމާ ދެރަކޮށްލުމުގެ ނިޔަތުގައި ވާހަކަ ދައްކާ އެފަދަ މަދު ބައެއްގެ ސަބަބުން މަސައްކަތެއް ހުއްޓާލުމަށް ވުރެ އެއީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ދެކިގެން ވަރުގަދަ އަޒުމަކާ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޒައީމާ ބުނެއެވެ. އަދި އެންމެން ރުއްސައިގެން އުޅުމަކީ މި ދުނިޔެމަތީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ގޮތަށް ގަބޫލު ކުރުމަކީ ކުރިއަށް ދިއުމަށް އެޅޭނެ ހުރަހެއް ކަމަށް ޒައީމާ ބުނެއެެވެ.
މީ ވަރަށް ފުރިހަމަ ލިޔުމެއް. އަދި ޙަޤީޤަތެއް. މަރްޙަބާ ޒަޢީ.