ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އާ ދެމެދު ވެވޭ މެމަރަންޑަމް އޮފްއަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

އެޗްޑީސީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގްސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއްހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ 3000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ގަމު ތަރައްގީ ކުރުމުގައި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެ ކަމަށެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދު ވެސް މަސައްކަތްކުރާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަކީ އެޗްޑީސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކަމަށެވެ. މިގޮތުން މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ބައިވެރިންނަށް އަދި އެޗްޑީސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" ތަކާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ 6 މަސްދުވަހުގެ މުއްދަތައް ކުރިއަށްދާ މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީންކުރާނެ ކަމަށެވެ.

މި ދާއިރާތަކަކީ:

  • ވެލްޑިން
  • ޕްލަމްބިން
  • އިލެކްޓްރީޝަން
  • ކާޕެންޓާ
  • ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް
  • ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒާ
  • އެސިސްޓެންޓް ބިލްޑިންގް މެއިންޓަނެންސް އޮފިސާ
  • މޭސަން
  • ގާޑަނާ
  • ހެވީ ވެހިކަލް އޮޕަރޭޓަނެޝަނަލް

އެޗްޑީސީން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.