ހުޅުމާލެއިން ތިން މަސްދުވަހަށް 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ އެކަން އެހެން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ އަދި ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކުކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ހުޅުމާލޭގެ ދެ ސަރަހައްދަކުން ތިން މަސް ދުވަހަށް 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު އެޗްޑީސީއިން ބުނީ އެކަމަށްޓަކައި ބާއްވާ ބީލަން ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހުގައި ކަމަށެވެ.

ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ދެ ސަރަހައްދެއް އެޗްޑީސީއިން ހާމައެއް ނުކުރެއެެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދު ކުރުމަށް އެޗްޑީސީއިން ވަނީ ޕާކިން ބިލްޑިން އެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ.

އެ ޕާކިން ބިލްޑިންގައި ސައިކަލު އަދި ކާރުޕާކް ކުރެވޭއިރު އެ ބިލްޑިން ހަދަނީ ހުޅުމާލެ ފެރީ ޓާމިނަލްއާއި ދިމާލުން ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގައެވެ.