ދުނިޔޭގެ ވެއްޓަށްޓަކާ ބައި ގަރުނު ކުރިން އެންމެ ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށް، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވިދާނެ ކަން ސާބިތު ކޮށްދެވިފައި ވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އދއިން ފާހަގަ ކުރަމުންދާ "ދުނިޔޭގެ" ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، މީގެ 50 އަހަރު ކުރިން އޮތް ސްޓޮކްހޯމް ކޮންފަރެންސްއަށްފަހު، އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ގޮންޖެހުންތަކަކާ ކުރިމަތިލެވިފައި ވާ ކަމަށެވެ.
އެގޮތުން އޯޒޯން ފަށަލާގައި ހެދުނު ބާގަނޑު ކުޑަކުރެވިފައި ވާ ކަމަށާ، ގުދުރަތީ ދިރުންތަކާއި ވެށި ހިމާޔަތް ކުރުމުގެ މަޝްރޫއު ފުޅާ ކުރެވުނު ކަމަށާ، ނުރައްކާތެރި ހަކަތައިގެ ބާވަތެއް ކަމަށް ވާ ލެޑް ފިއުލް ބޭނުން ކުރުން ނިމުމަކަށް ގެނެސް، ޅަފަތުގައި ވަކިވެދާ އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރެވިފައި ވާ ކަން ގުޓެރޭޒް ފާހަގަ ކުރެއްވިއެވެ.
މި ލިސްޓަށް އެންމެ ފަހުން އިތުރުވީ، ޕްލާސްޓިކާ ދެކޮޅަށް މިދިޔަ މަހު ފެށި ކެމްޕޭން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.
ކަން މިހެން އޮތް ނަމަވެސް، އަދިވެސް ގިނަ ކަންތައްތަކެއް، ހަލުވި ދުވެލީގައި ކުރަން ޖެހިފައި ވާ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މޫސުމީ ކާރިސާގެ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.
"ދުނިޔޭގެ" ދުވަހާ ގުޅިގެން ގުޓެރޭޒް ދެއްވި ހާއްސަ މެސެޖު ނިންމަވާލައްވާފައި ވަނީ، ލިބިފައި ވަނީ އެންމެ ދުނިޔެއެއް ކަމަށާ، ދުނިޔެ ހިމާޔަތް ކޮށް ރައްކާތެރި ކުރުމަށްޓަކާ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި "ދުނިޔޭގެ ދުވަހެއް" ފާހަގަ ކުރުމަށް އދއިން ނިންމީ 2009 ވަނަ އަހަރުގެ ގަރާރަކުންނެވެ.