އދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) ގެ ހައްގުތައް ލިބިދެވޭނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، އައިސީސީޕީއާރްގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އދ ގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި މިމަހުގެ 9 އިން 10 އަށް، ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި ރިވިއު ފެށުމުގެ ގޮތުން ހެޑް އޮފް ޑެލިގޭޝަން އުޝާމް ދެއްކެވި ވާހަކައިގައި، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއި، އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ދިވެހިރާއްޖޭގައި އައިސީސީޕީއާރްގެ ހައްގުތައް ލިބިދެވޭނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
މި ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އދގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިން އޮބްޒަވޭޝަންތަކާއި ރިކޮމެންޑޭޝަންތައް މި މަހުގެ 19 ވަނަ ދުވަހު ދިވެހި ސަރުކާރާ ހިއްސާ ކުރާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
2022 ގައި ރާއްޖެއިން ހުށަހެޅި މި ރިޕޯޓަކީ، އައިސީސީޕީއާރްގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާޗު 2022 ގެ ނިޔަލަށް ދިވެހިރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމަނައި، އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި ރިވިއުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ފޮރިން މިނިސްޓްރީ އާއި، ހޯމް މިނިސްޓްރީ އާއި، ޖެންޑާ މިނިސްޓްރީ އާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން ހިމެނޭ ގޮތުން، ދިވެހި ސަރުކާރުގެ ހައި-ލެވެލް ޑެލިގޭޝަނެއް ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މި ހައި-ލެވެލް ޑެލިގޭޝަންގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި އެޓާނީ ޖެނެރަލް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.