ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް މުއިއްޒު އދގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރައްވާފައި ވަނީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާ ބާބިއުޑާއަށް މިހާރު ކުރައްވަމުން ގެންދަދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އދގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިރާއްޖެއާއި އދ އާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްގީގެ އެކިއެކި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުންވެސް ރައީސްގެ މި ދަތުރުފުޅުގައި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒަކީ އދ އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯ ޗެއާއެވެ.
ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޯ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ގޮތެއް އެކަށައެޅުމެވެ.
ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ"އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައި ވެއެވެ.