އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އެޗްޑީސީ އާ އެކު އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ މަގްސަދަކީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހުޅުވާލުން ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ވަޒީފާގެ މާހައުލުގައި އެ ފަރާތްތަކަށް ތަމްރީނު ދެވިގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެޗްޑީސީގެ އިތުރުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމާ ގުޅޭ އެއްބަސްވުމުގައި ދެން ސޮއިކޮށްފައިވަނީ އެމްޓީސީސީ އާއި ވެމްކޯއެވެ.

މި އަހަރުގެ ނިޔަލަށް ހިންގާ އެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާގެ މާހައުލަށް ޒުވާނުން ނެރެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމަށްޓަކައި މީގެ ކުރިންވެސް އެމްޓީސީސީން ވަނީ "ހުނަވަރު"ގެ ނަމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވާފައެވެ. އަދި މިދިޔަ އަހަރު އެޗްޑީސީންވެސް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ.