ހުޅުމާލެ ފޭސް 2 ގައި 2 ސުކޫލެއް ގާއިމްކުރުމަށް ބިން ދިނުމަށް ހައުސިން ޑިވެލޮޕް މަންތް ކޯޕަރޭޝަންއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ހުޅުމާލޭގައި ދެ ސްކޫލެއް ގާއިމް ކުރަން ނިންމާފައިވާ އިރު އޭގެތެރެއިން އެއް ސްކޫލަށް ކަނޑައަލާފައިވާ ބިމަކީ، ޕްލޮޓް N5-32 ގައި ވާ 60720.88 އަކަފޫޓުގެ ބިމެކެވެ. އެ ތަނުގައި 1200 ކުދިންގެ ޖާގައަށްވާ ގޮތަށް ސްކޫލެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްލޮޓް N4-23 ގައި ދެވަނަ ސުކޫލު ގާއިމްކުރުމަށް ހަމަޖެހިފައިވާ އިރު،. އެއީ 65534.61 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ސްކޫލް ފަރުމާ ކުރަނީ 1500 ކުދިންގެ ޖާގައަށް ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި ދެ ސްކޫލެއް އަޅަން ސަރުކާރުން ނިންމާފައި މި ވަނީ ހިޔާ ފްލެޓުގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ފަހުން އެތަނުގައި ދިރިއުޅޭ މީހުންގެ ދަރިން ސްކޫލް ބަދަލު ނުވެ މާލޭގެ ސްކޫލްތަކުގައި އުޅޭ ކުދިންނަށް ހުޅުމާލެ ސްކޫލުން ޖާގަ ނުލިބޭ ކަމަށް ބުނެ އެ ޝަކުވާތައް މީހުން އުފުލަމުންދާ ދުވަސްވަރެއް ގައެވެ.