ފޭސް 2 ގައި ހަދާ "ހިޔާ ޕާކު ސްޓޭޖު 2" ފަރުމާ ކުރުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ޕުރޮގްރާމެއް ބާއްވަން އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ އެ ޕުރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4 ކުން 6 ކަށް ހިޔާ ސަރަހައްދުގައި ކަމަށެވެ. އަދި އެ ޕުރޮގްރާމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ޕާކު ފަރުމާކުރުމުގައި ގުޅޭގޮތުން ހިޔާލު ހިއްސާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

ހިޔާ ޕާކު ހެދުމުގެ މަސައްކަތް 2 ސްޓޭޖަކަށް ބަހާލައިގެން ކުރިއަށްދާއިރު މިހާރު ވަނީ ފުރަތަމަ ސްޓޭޖުގެ ޑިޒައިންކުރުމުގެ މަސައްކަތް ނިމި އަމަލީ މަސައްކަތް ފަށައިފާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ އެ ޕާކުގެ ފުރަތަމަ ސްޓޭޖު ޑިޒައިން ކުރީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ނިކުމެ، ހިޔާ ދޭ ގަސްތައް ކައިރީ އިށީދެލާނެ ޖާގަތަކަކާއެކު ކަމަށެވެ.

މީގެ އިތުރުން ހިޔާ ޕާކުގެ ދެވަނަ ސްޓޭޖް ޑިޒައިން ކުރަން ރޭވިފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ހިޔާލާވެސް އެއްކޮށް ކަމަށާއި އޭގެ މަގުސަދަކީ ޕާކުގައި ހިމެނިގެންދާ ކަންކަމަކީ ވީހާވެސް ގިނަ ބަޔަކަށް ބޭނުންކުރެވޭނެ ހިތްގައިމު މާހައުލަކަށް ހެދުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.