ތިލަފުށި މިހާރު އޮތް ވަރަށް ވުރެން ދެ ގުނަ ބޮޑުކުރުމުގެ ބިޔަ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ތިލަފުށި ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށާއި ވަކި ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރާއިރު މާލީ ފުދުންތެރިކަމާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން މަޝްރޫއު ނިންމަން ހޭދަވާ މުއްދަތަށް ބަލާނެ ކަމަށެވެ.

ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެ ރަށުން ގާތްގަނޑަކަށް 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ހަމަޖެހިފައިވާއިރު އަލަށް ހިއްކާ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭ ފޭސް 2 ގައި 500،000 ކިއުބިކް މީޓަރުގެ ވެލި ހުރިއިރު ތިލަފުށިން ބިން ހިއްކުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައި ހުރި ބޮޑެތި ވެލި ފުނިތަކުން ވެލި ބޭނުންކުރާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.