މާލޭގައި ހުރި ތާރީހީ އެސްޖެހި ގަނޑުވަރު ހުޅުމާލެ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ރާއްޖޭގެ އާސާރީ އަދި ވަޑާމުގެ ފަންނުވެރިކަން އެންމެ ފުރިހަމައަށް ފެންނަން ހުރި އެއް އިމާރާތް ކަމުގައިވާ "އެސްޖެހި ގަނޑުވަރު" އޭގެ އަސްލު ގެއްލިގެން ނުދާނޭހެން ހުޅުމާލޭ ގައި ތަރައްގީ ކުރަމުންދާ ހެރިޓޭޖް ޑިސްޓްރިކްޓްގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެސްޖެހި ގަނޑުވަރަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

އެސްޖެހި ގަނޑުވަރު ހަދާފައި ވަނީ ހުކުރު މިސްކިތުގެ މުންނާރު ހެދި ދުވަސްވަރު 1870ގެ އަހަރުތަކުގައި އެސްޖެހި ގަނޑުވަރު މާފަތް ކަލޭފާނެ އެވެ. އެތަން ނިސްބަތް ވަނީ ވެސް މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެއެވެ.

އެސްޖެހި ގަނޑުވަރުގެ ލަކުނޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.