ހިޔާ ފްލެޓް ކުލި ނުދައްކަން ގޮވާލާ މައްސަލަ ބަލައިދިނުމަށާއި ގެއްލުމުގެ ބަދަލު ހޯދައިދުނުމަށް ކަމާ ބެހޭ މުވައްސަސާތަކަށް ހުށައަޅާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިމިވަނީ ހިޔާ ފްލެޓަށް ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ ގޮތުން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވުމަށް ގޮވާލާ ހިތްވަރުދީ ބާރު އެޅުމަކީ ބޮޑު ކުށެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މި މައްސަލަ ބަލައިދިނުމަށް އަދި މިކަމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީ ނެގޭނީ އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަން ފާހަގަކޮށްފައިވާއިރު، އެ އެގްރީމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެއްބަސްވުމުގައި އެ މެނޭޖްމެންޓް ކޯޕަރޭޝަން އުފެދި އިމާރާތް ބެލެހެއްޓުމާއި މެނޭޖްކުރުމުގެ ޒިންމާ ގާނޫނަކުން ނުވަތަ ގަވައިދަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެހެން ފަރާތަކަށް ނަގުލުވުމާއި ހަމައަށް އިމާރާތް އިންޝުއަރެންސް ކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް ފުލެޓު ވިއްކާފަރާތާއި ފުލެޓު ގަންނަ ފަރާތް އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުންހިޔާގެ 16 ޓަވަރު ބެލެހެއްޓުމާއި މެނޭޖްކުރުމަށް މެނޭޖްމަންޓް ކޯޕަރޭޝަން ހަމަޖެއްސުމަށްޓަކައި ކުރިޔަށް ގެންދަންވީ ގޮތެއް ކަމާބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާ ކުރެވެމުން ދާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި ހާލަތުގައި އިންސްޓޯލްމަންޓަށްވާ ފައިސާ އަދި މެއިންޓޭނަންސް ފީ ނެގުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.