ހިޔާ ޓަވަރުތަކުގެ ދެމެދުވައި ހަދާ ކޯޕަރޭޓިވްތައް ހެދެންދެން މެއިންޓަނެންސްގެ ކަންކަން ބަލަހައްޓާނީ އެޗްޑީސީއިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިމަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނަގަމުން ދާއިރު މެއިންޓަނެންސް ފީ ހިމަނައިގެން ޖުމްލަ 8،500ރ މަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭއިރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މިވަގުތު ކުލި ނުދައްކައި މަޑުކޮށްގެން ތިބުމަށް އަމިއްލަ ޖަމްއިއްޔާއެއް ކަމަށް ވާ ހިޔާ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

ހިޔާ ޔޫނިއަނުން ވަނީ ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި މެއިންޓަނެންސް ފީ ހިމެނޭ ގޮތަށް ފްލެޓްތަކުން ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބުނެފައެވެ. އަދި މެއިންޓަނެންސް ފީ ނެގޭނީ އެގްރިމަންޓުގައި ބުނެފައިވާ ފަދައިން ކޮންމެ 2 ޓަވަރެއްގެ ދެމެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑުތައް މެދުވެރިކޮށް ކަމަށާއި އެ ކޯޕަރޭޓިވްތައް ޖުމްލަ 6 މަސް ދުވަހުގެ ތެރޭގައި އެޗްޑީސީން ނިންމަން ވާނެ ކަން ހިޔާ އެއްބަސްވުމުގައި ބުނެފާ ވާ ކަމަށެވެ.

އެހެންނަމަވެސް އެޗްޑީސީއިން ބުނީ ގިނަ އަދަދެއްގެ ބަޔަކު ދަނީ ކުލި ދައްކަމުން ކަމަށާއި އެ ކޯޕަރޭޓިވްތައް ހެދެންދެން އެކަންކަން ބަލަހައްޓަމުންދާނީ އެޗްޑީސީއިން ކަމަށާއި އެ ކޯޕަރޭޓިވްތައް ހެދުމުން އެ ފީ ނަގާނީ އެތަނުން ކަމަށާ، މިބާރު ނަގާ މެއިންޓަނެންސް ފީ ކޯޕަރޭޓިވްތަކާ ހަވާލު ކުރާނެ ކަމަށް ބުނެފައެވެ.

އެޗްޑީސީއިން ބުނީ ކޯޕަރޭޓިވްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.