ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 5 ގަޑިއިރަށް މާރުކޭޓް ސަރަހައްދަށް 4 ފުރޮޅު ލީ އުޅަނދުތަކަށަ ނުވަދެވޭ ގޮތަށް މަގު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާރުކޭޓު ސަރަހައްދުގެ ޓްރެފިކް މެނޭޖް ކުރުމަށްޓަކައި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 13:00 އިން 18:00 އާ ހަމައަށް އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ރޯދަ މަހު ހާއްސަކޮށް އެންމެ ބޮޑަށް މީހުން ތޮއްޖެހި ބާރުބޮޑުވަމުން އަންނަ އެއް ސަރަހައްދަކީ މާރުކޭޓް ސަރަހައްދެވެ. ދޯނި ފަހަރުތައް ގާތްކޮށް މުދާ ބޭލުމާއި ފިހާރަ ފަދަ ތަންތަނަށް ގަނޑުކޮށް މުދާ ގަންނަން ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި އެ ސަރަހައްދަށް މީހުން ވަދެ ވިޔަފާރި ކުރުމުގައި އުޅެއެވެ.

އެގޮތުން މެންދުރު ފަހުގެ 5 ގަޑިއިރު ޓްރެފިކް ބަލަހައްޓާ އެ މަގުތައް ބަންދު ކުރަން ނިންމާފައި ވަނީ ރޯދަ މަހަކީ ބާޒާރުން މޭވާއާއި ތަރުކާރީ އަދި މަސް ގަތުމަށް އާންމުން ގިނަ އަދަދަކަށް ގޮސް އުޅޭ ވަގުތު ކަމަށް ވާތީއެވެ.

މި ރޯދަ މަސް ފެށި މިއަދު މިއީ ރޯދަމަހުގެ ދެ ވަނަ ދުވަހެވެ. މިއަދުވެސް މާލޭގެ ބާޒާރުމަތީ މީހުން ތޮއްޖެހިފައިވާ ކަން ފާހަގަ ކުރެވެއެވެ.