ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި ލަސްކޮށްދިނުމަށް ފްލެޓް ލިބުނު މީހުން އެދުނު ނަމަވެސް އެކަން އިތުރަށް ލަސް ކޮށް ނުދީ، ކުލި ނަގަން ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްތަކަށް ދައްކަންޖެހޭ ކުލި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކުންފުންޏަށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތުން އެޗްޑީސީގެ އޮންލައިން "ޕޭމަންޓު ޕޯޓަލް" މެދުވެރިކޮށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ހާއްސަ ކޮށްފައިވާ ކައުންޓަރު ތަކުން ކަމަށެވެ. އެގޮތުން އެ ކައުންޓަރު މެދުވެރިކޮށް ނަގުދު ފައިސާ، ޗެކު އަދި ކާޑުންވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ފިނިޝިން ނުނިންމާ ހަވާލުކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ފަސްކޮށް ދިނުމަށް އެކި ފަހަރު މަތިން ވަނީ ހިޔާ ޔޫނިއަން ތަކުން ސަރުކާރަށް ގޮވާލާގައެވެ. އަދި އެ ސަރަހައްދުގައި ހިމޭން އިހުތިޖާޖުވެސް ވަނީ ކޮށްފައެވެ. އަދި ދާދި ފަހުން ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލާ ހިޔާ ފްލެޓް ލިބުނު މީހުން ވަނީ އެޗްޑީސީއަށް 1500 ސިޓީ ވެސް ހުށަހަޅާފައެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ސަރުކާރުން ނިންމާފައެވެ.

ހިޔާ ޔޫނިއަން އިން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައިވެއެވެ.