އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާހް ކޮށްފިއެެވެ.

މިއަދު ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާހްކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެޗްޑީސީން ބުނީ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަގްސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށާއި މި ވަސީލަތްތައް ރާއްޖޭގެ މިމާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށެވެ.

އެޗްޑީސީގެ ސްމާޓް ޕޯލް / ފޮޓޯ: އެޗްޑީސީ

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ގާއިމްކުރެވުނު ޓެކްނޮލޮޖީއެކެެވެ. އެޗްޑީސީއިން ބުނީ މި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އަކީ ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ އޮމްނިފްލޯގެ އުފެއްދުމެއް ކަމަށެވެ.

އެޗްޑީސީއިން ބުނީ ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެއް ކަމަށާއި ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 ޕަސެންޓް ކުޑަ ކުރެވިގެން ދާނެ ކަމަށެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެތެރޭގައި ޕަބްލިކް ވައިފައި ސެކިއުރިޓީ ކެމެރާ އައިއޯޓީ ސެންސާ އަދި މުހިއްމު އާންމު މައުލޫމާތާއި ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުން ވެސް ހިމެނެއެވެ. އަދި ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖްއިން ބޮކި ދިއްލުމާއި ކެމެރާ ފަދަ ހިދުމަތް ލިބިގެންދާނެ ކަމަށް އެޗްޑީސީންއިން ބުނެއެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް ކަމަށާއި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މިއަދު ތައާރަފުކުރި ސްމާޓް ބެންޗް އަކީ ވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެއް ކަމަށެވެ. އަދި އެޗްޑީސީއިން ބުނީ މިގޮތުން އާކިޓެކްޗުރަލް ލައިޓިން ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖިން ސްޓޭޝަންސް މީގެތެރޭގައި ހިމެނޭނެ ކަމަށެވެ.