އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ހަރުކުރުމަށް ހުޅުމާލޭގެ ދެ ބްލޮކެއްގައި ހުރި އިމާރާތްތަކުގެ އިންސްޕެކްޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ބުނީ، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި "ސްޓެލްކޯ" އާ ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ ސޯލާ ޕީވީ ހަރުކުރުމުގެ މަޝްރޫގެ މަސައްކަތަށް ހުޅުމާލޭގެ ދެ ބްލޮކެއްގައި މާދަމާ އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ހުޅުމާލޭގެ ބްލޮކް 121 އާއި 122 ގައި ހުރި އިމާރާތްތައް އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާދަމާ ކުރާ އިންސްޕެކްޝަން ކުރިއަށް ގެންދާނީ ހެނދުނު 11:00 އިން މެންދުރު ފަހު 1:00 އާ ދެމެދު ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި އިންސްޕެކްޝަންގައި އެ އިމާރާތްތަކުގެ ފުރާޅުބަލާ ޗެކް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތް މާދަމާ ކުރަން ހަމަޖެހިފައިވާ އިރު، އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަަކށް އެޗްޑީސީގެ ފަރާތުން ވަނީ މައާފަށް އެދޭ ކަމަށް ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް އިޔާދަކުރަނިވި ހަކަތައިގެ އާ ދައުރެއްގެ ފެށުމަށް ރާއްޖެ އަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސްޓެލްކޯއިން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.