ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި ކުރަމުންދާ ސާވޭގެ ސުންގަޑި އިތުރު ކޮށްފިއެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ މި މަހުގެ 12 އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން ރޭގަނޑު 8 އާ ދެމެދު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެޗްޑީސީން ބުނީ އެ ސުންގަޑި މާދަމާގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ސާވެ ކުރިއަށް ގެންދާނީ ހެނދުނު 10 އިން ރޭގަނޑު 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
މި ސާވޭގެ ދަށުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ގޮސްފައިވާ މިންވަރު އޮޅުން ފިލުމަށާއި، ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފު ކުރުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުންނާއި، އެޗްޑީސީން ދެމުންގެންދާ "ޖީޕޮން ނެޓްވޯކް" ހިދުމަތާ ގުޅޭގޮތުންވެސް ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ސާވޭގެ ދަށުން، ޓަވަރުތަކުގެ އާންމު ތަންތަނާއި، ހިދުމަތްތަކާއި، އިމާރާތް މެނޭޖު ކުރުމުގެ ކަންކަން، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އިންތިހާބު ކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލަން ޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން ވެސް ހިޔާލު ހޯދާނެއެވެ.
މި ސާވޭ ކުރިއަށްދާއިރު، ސާވޭގައި ހަރަކާތްތެރިވާ މުވައްޒަފުން ތިބޭނީ އެޗްޑީސީގެ މުވައްޒަފެއްކަން އެނގޭ ގޮތަށް ފާސް އަޅައިގެންނެވެ. އަދި މި ސާވޭ ކުރިއަށް ދާއިރު، އެއްވެސް ފަރާތެއްގެ ބޭންކް މައުލޫމާތުގެ ތަފްސީލެއް ނުހޯދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓްތަކަށް އާއިލާތަކުން ދިރިއުޅުން ބަދަލުކުރަން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ. މިހާތަނަށް 700 އަށް ވުރެ ގިނަ އާއިލާތަކުން ފްލެޓްތަކަށް ބަދަލުވެފައިވާ އިރު، 3،000 އަށް ވުރެ ގިނަ މީހުން ފްލެޓްތަކުގައި މިހާރު އަންނަނީ ދިރިއުޅެމުންނެވެ.. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާ އިރު، އަދިވެސް ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނުނިމި ހުރި ކަން ފާހަގަ ކޮށްލެވެއެވެ.