ހިޔާ ސަރަހައްދު ގައި ތަރައްގީކުރާ ހިޔާ ލޯކަލް މާރުކޭޓުން 19 ގޮޅިއެއްގެ ގުރުއަތުނެގުން މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ވަނީ ހިޔާ ލޯކަލް މާރުކޭޓުން 19 ގޮޅިއެއް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުއްޔަށް ދޫކުރަން ހުޅުވާލާފައެވެ.
އެޗްޑީސީން ބުނީ ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ކޮންމެ ފަރާތެއްގެ ނަމުގައި ވެސް ހުށަހެޅޭނީ 1 ފޯމު ކަމަށެވެ.
މިގޮތުން، ފޯމު ބަލައިގަތުން ކުރިޔަށް ދާނީ މާދަމާގެ 09:00 އިން 11:00 އަށް ހުރަވީ ސުކޫލު ހޯލުގައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ގުރުއަތު ނެގުން މާދަމާގެ 11:30 ގައި ކުރިއަށްދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން 1 މަހަށް ވާވަރަށް އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާ އެ ކޯޕަރޭޝަނުން ސިޓީ ފޮނުވާތާ 2 ދުވަހުގެ ތެރޭގައި ދައްކަންވާނެ ކަމަށެވެ. އަދި ގުރުއަތު ނެގުން ކުރިޔަށްގެންދާ ވަގުތު ގުރުއަތުން ހޮވޭ ފަރާތުގެ ނަން އިއުލާން ކުރުމުން އިވެންޓް ހޯލުގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކައުންޓަރަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500 ރުފިޔާ ވަގުތުން ދައްކަންޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ގޮޅި ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ ހަވާލުކުރާއިރު ގޮޅިއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގައިފައިވާ ފައިސާ އަނބުރާ ރައްދުކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ގޮޅި ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގޮޅި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފިނަމަ، މި ފައިސާ އެޗްޑީސީ އަށް ނެގޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން ބުނީ ހިޔާ ލޯކަލް މާރުކޭޓުން ގޮޅިއެއް ހޮވިފައިވާ ކަމުގެ ސިޓީގައިވާ ޝަރުތުތައް ފުރިހަމަކުރުމުން 2 ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ. އަދި ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަންވާނެ ކަމަށެވެ.
އަދި މި މުއްދަތުގައި ހިދުމަތް ދޭން ނުފަށާނަމަ މި އެއްބަސްވުން ބާތިލްކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިއީ ރޯދަ މަހާއި ގުޅިގެން ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.