ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ނަމަވެސް މިހާރު ނެތެމުންދާ އާދައެއް ދެމެޙެއްޓުމައްޓަކައި އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން "ރޯދަ ސާފު" ގެ ނަމުގައި އެޗްޑީސީން ފެށި ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެއްޖެއެވެ.
އެޗްޑީސީން އިންތިޒާމް ކޮށްގެން ހުޅުމާޅެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓްލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ޒަމާނުއް ސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގެދޮރާއި، ދިރިއުޅޭ މާހައުލު ސާފު ކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިންމު ރީތި އާދައެއް ކަމަށާއި، އެ އާދަ މިހާރު ނެތެމުންދާ ކަމަށެވެ.
ނަމަވެސް އެފަދަ ރިވެތި އާދަތައް އާލާ ކުރުމަށާއި، މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި އެޗްޑީސީން އިންތިޒާމް ކޮށްގެން ކުރިއަށްގެ ންދާ "ރޯދަ ސާފް" ހަރަކާތަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ ހަރަކާތަށް ހުރިހާ މުއައްސަސާއަކުން ވެސް ތަރުހީބު ދީ އެ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް މުހިންމު އަދި އެދެވޭ ކަމެއް ކަމަށާއި، އެ ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް ކަމަށާއި، އެހެން ނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށް ވުރެ ފުޅާ ވިސްނުމަކުން ވިސްނަން ޖެހޭ ހަރަކާތެއް ކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމަށެވެ. އެހެންކަމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއި ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަގައިގެން ނޫން ގޮތަކަށް ދިރިއުޅޭ ވެށި ސާފު ތަނަކަށް ނުހެދޭނެ ކަމަށެވެ.
މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރި ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކުން ހާއްސަކޮށް، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރި ކަމާއި އެކީގައި ބަލައިގަންނަ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައި ވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ޝަރީފް ވަނީ ދަންނަވާފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތަކަށް ވެސް ހާއްސަ ޝުކުރެއް އޭނާ ވަނީ އަދާ ކުރައްވާފައެވެ.