ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރާ "ހިޔާ ޕާކު" އަންނަ ރޯދަ މަހު ހުޅުވަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ޕާކްގެ ފުރަތަމަ ފިޔަވަހީގެ 85 ޕަސެންޓް މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރޯދަ މަހަށް އެތަން ހުޅުވާލުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ޕާކްގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ މައިޒާނެކެވެ. އަދި ދެވަނަ ފިޔަވަހީގައި ކުޑަކުދިން ކުޅެން އުނދޯލި ފަދަ ވަސީލަތްތައް ހެދުމަށް ވަނީ ނިންމާފައެވެ.

ހިޔާ ޕާކަކީ ކޮންމެ އުމުރު ފުރައެއްގެ ބަޔަކަށް ވެސް އެތަނުން ހިތްހަމަޖެހުން ލިބޭ ގޮތަށް ހަދާ ތަނެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފާކު ހަދަނީ ހިޔާ ޓަވަރުތަކުގެ އެޗް 5 އަދި އެޗް 6 ހިމެނޭ ފްލެޓް އިމާރާތުގެ ކައިރީގައިވާ ހުސް ޖާގައިގައެވެ.

ހިޔާ މަޝްރޫއުގައި 6720 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް 16 ޓަވަރު ވަނީ އަޅާފައެވެ. އެ ޓަވަރުތަކުގައި 40،000 މީހުންނަށް ދިރިއުޅެވޭ އިރު، އެޗްޑީސީން ގެންދަނީ އެ ސަރަހައްދަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައި ފައެވެ.