ވެށިފަހިމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފުލެޓުތަކަށް ބައެއް މީހުން ބަދަލުތައް ގެންނަ ކަމަށާއި، ހުއްދަނެތި ބަދަލު ގެންނަނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެޗްޑީސީން އިންޒާރު ދީފިއެވެ.

އެޗްޑީސީން މިހެން ބުނެފައި ވަނީ ހުޅުމާލޭގައި ހަފާފައިވާ ފްލެޓުތަކަށް އެކޯޕަރޭޝަންގެ ހުއްދައާ ނުލާ ބަދަލު ގެންނަކަން ކަމަށް ފާހަގަ ކުރެވިފައި ވާތީ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ގެނެސްފައިވާ ބަދަލުތައް:

  • ބެލްކަނީ އަށް ބަދަލު ގެނެސް ބެލްކަނީ އިތުރަށް ފުޅާކުރުން.
  • ބިންމަތީ ފުލެޓުން އިމާރާތުގެ ކުރިމައްޗަށް ދޮރެއް ހަދައި، އިމާރާތުގެ ކުރިމަތިން ފުލެޓަށް ވަދެވޭނެ ގޮތް ހެދުން.
  • ފުލެޓުގެ އެތެރޭ ފާރަށް ބަދަލު ގެނެސް، އެއްކޮޓަރިއާއި އަނެއް ކޮޓަރި ގުޅުވާލުން. މީގެތެރޭގައި ސިޓިންރޫމުން ކޮމަން ފާހާނާއަށް ވަދެވޭ ގޮތަށް ދަރު ހަރުކުރުން ހިމެނެއެވެ.
  • ފުލެޓުގެ އެތެރޭގައި ޑެގުއަޅައިގެން، ނުވަތަ ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުން.
  • ދެވަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިން ހެދުން. މިކަމުގެ ސަބަބަބުން ދެންނެވުނު ފަންގިފިލާގެ ޝީޓުގައި ރެނދުއެޅުންފަދަ ކަމެއްވެއްޖެމަނަ ސީލިންގެ ސަބަބުން އެފަދަ ކަންކަން ދެނެގަތުމަށް ހުރަސްއެޅެއެވެ.
  • ފުލެޓުގައި ޖަހާފައިވާ ތަށިމުށުގެ މަތިން އާ ތަށިމުށި ޖެހުން.

އެޗްޑީސީން ބުނީ ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ތަރައްގީ ކޮށްފައިވާ އިމާރާތްތައް ފަރުމާކޮށްފައި ވަނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭގޮތަށް ހަދާފައިވާ ލޯޑް ކަލްކިއުލޭޝަނަށް ބިނާކޮށް ކަމަށެވެ. އަދި އިމާރާތަށް މިފަދަ ބަދަލުތައް ގެނައުމަކީ އިމާރާތުގެ ސްޓްރަކްޗަރަށް ގެއްލުން ލިބި، އިމާރާތުގެ އުމުރު ކުރުވުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން، އިމާރާތް ފަރުމާކޮށްފައި ވަނީ އިމާރާތާއި، ފުލެޓުތަކުގައި ވައި ދައުރުވުމާއި، ވަދެނިކުތުމާއި، ފުލެޓުގައި ދިރިއުޅެވޭނެ މީހުންގެ އަދަދާއި، އެފަރާތްތަކަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާ ބެހޭގޮތުން ސަރުކާރުން ހަދާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިފަދަ ބަދަލު ގެނައުމަކީ ކަމާބެހޭ ގަވާއިދުތަކާ ހިލާފު ކަމެކެވެ.

ބައެއް ފުލެޓުގެ އެތެރެއަށް ގެނެވޭ ބަދަލާއެކު ދިމާވާ މައްސަލަތަކުގެ ސަބަބުން އަވަށްޓެރި ފުލެޓުތަކަށް އެކަމުގެ އަސަރުކޮށް، ގެއްލުން ލިބެމުން ދާކަމަށް އެޗްޑީސީއަށް މައުލޫމާތު ލިބެމުންދާ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ. އަދި އެކޯޕަރޭޝަންގެ ހުއްދައާ ނުލާ މިފަދަ ބަދަލުތައް ގެނައުމަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން އެކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިފަދަ ބަދަލުތައް ގެނެސްފައިވާ ފަރާތްތަކުން، އެކޯޕަރޭޝްގެ ފެސިލިޓީސް މެނޭޖްމަންޓްގެ އިރުޝާދުގެ މަތިން އެ ބަދަލުތައް ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް މިފަދަ ބަދަލުތައް ގެންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.