މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ މައިންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ވަޒީފާތައް އުފެއްދުމުގައި ކެއާ ސާވިސަސް ނުވަތަ ބެލެހެއްޓުންތެރިކަމާ ގުޅުން ހުރި ހިދުމަތުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައިއެލްއޯ) އިން ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހާ ދިމާކޮށް، މަސައްކަތްތެރިންނާ ބެހޭ އދގެ އިދާރާ (އައިއެލްއޯ) އިން ހޯމަ ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ކެއާ ސާވިސަސްގެ ދާއިރާގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ކޮށްގެން، 2035 ވަނަ އަހަރު އަންނައިރު، ގާތްގަނޑަކަށް 300 މިލިއަނެއްހާ ވަޒީރާ އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ.

މިފަދަ ފިޔަވަޅަކީ، އާއިލީ ޒިންމާތައްވެސް ކޮނޑުގައި އަޅައިގެން މަސައްކަތް ކުރަމުންދާ އެތައް ސަތޭކަ މިލިއަން މަސައްކަތްތެރިންނަކަށް ފައިދާ ކުރަނިވި ފިޔަވަޅަކަށް ވާނެ ކަން އދއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން އިންތިހާ ފަގީރުކަން ކުޑަ ކުރެވި، މިންތީގެ ހަމަހަމަ ކަމަށް ހިތްވަރު ދެވި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ބެލެހެއްޓުންތެރިކަމާއި އަޅާލުންވެސް ދެވިގެންދާނެ ކަން ފާހަގަ ކޮށްފައިވެއެވެ.

އަޅާލުމާއި ބެލެހެއްޓުންތެރިކަމާ ގުޅޭ ސިޔާސަތުތަކާ މެދު މިހާރު ވިސްނާ ގޮތް ބަދަލު ކުރަން ޖެހިފައި ވާ ކަމަށް، އައިއެލްއޯޣެ ޑައިރެކްޓާ އޮފް ކޮންޑިޝަންސް އޮފް ވޯކް އެންޑް އީކުއަލިޓީ ޑިޕާޓްމަންޓް، މެނުއެއްލާ ޓޯމޭއީ ވަނީ ވިދާޅުވެފައެވެ.

އައިއެލްއޯގެ ބައެއް ހޯދުންތަކަށް ބަލާއިރު ލިބެމުން ދިޔަ މުސާރައިގެ އެންމެ މަދުވެގެން 3 ބައިކުޅަ 2 ބައި ލިބޭ ގޮތަށް، 14 ހަފުތާގެ މެޓާނިޓީ ލީވް ދިނުމަށް އައިއެލްއޯއިން ކަނޑައަޅާފައި ވާ މިންގަނޑަށް ނުފެތޭ 85 ގައުމެއް، ސާވޭ ކުރި 185 ގައުމުގެ ތެރެއިން ވަނީ ފާހަގަވެފައެވެ.

އަދުގެ ދުވެލީގައި ކަންކަން ކުރިއަށް ދަނީ ނަމަ، ވިހެއުމާއި ގުޅިގެން މަސައްކަތްތެރިންނަށް ކަށަވަރު ވާންޖެހޭ އެންމެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކާ، 46 އަހަރު ދުވަހުގެ މުއްދަތެއް ބޭނުން ވާނެ ކަމަށްވެސް އައިއެލްއޯގެ ރިޕޯޓްގެ މުސައްނިފުން ވަނީ ފާހަގަ ކުރައްވާފައެވެ.

މާބަނޑު މީހުންނާއި ކާދުން ކިރު ދޭ މައިންނަށް މަސައްކަތުގެ މާހައުލްގައި ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ވަނީ އެންމެ 40 ގައުމުގައި ކަމަށް އައިއެލްއޯއިން ބުނެއެވެ. އަދި ވިހެއުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްޓަކާ ޗުއްޓީ ހަމަޖައްސާ ދެނީވެސް އެންމެ 53 ގައުމުން ކަން އައިއެލްއޯއިން ފާހަގަ ކުރެއެވެ.

މިންތީގެ ހަމަހަމަ ކަމަށް ބަލާއިރު، ދަރިން ލިބޭ އުމުރުގައި ތިބި ފިރިހެނުންގެ ތެރެއިން، 1.2 ބިލިއަން މީހުންނަކީ، އެ މީހުންނަށް ހައްގުވާ ޕެޓާނިޓީ ލީވް ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ލިބެންޖެހޭ ޗުއްޓީ، އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ މީހުންކަން އދއިން ފާހަގަ ކުރެއެވެ.