ފިޓު ޖެހުމަށާއި ނަފުސާނީ މައްސަލަތަކަށް ބޭނުންކުރާ ސޯޑިއަމް ވަލްޕޮރޭޓް (އެޕިލިމް) ބޭހުގެ ބަދަލުގައި މާބަނޑު ދުވަސްވަރު އެހެން ބޭހެއް ބޭނުން ކުރުމަށް ޑޮކްޓަރާ މަޝްވަރާ ކުރަން ވާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ، މާބަނޑު ދުވަސްވަރު އެ ބޭސް ބޭނުން ކުރުމުން ބައެއްފަހަރު ދިމާވާ މައްސަލަތަކުގެ ތެރޭގައި އުފަންވާ ކުއްޖާގެ އައިބުތައް ހުރުމާއި ވިސްނުން ކޮށިވާކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން އެ ބޭސް ބޭނުންކުރާ ފަރާތްތަކުން އެ ބޭހުގެ ބަދަލުގައި އެހެން ބޭހެއް ބޭނުން ކުރުމަށް ޑޮކްޓަރާ މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

އެޕިލިމް ބޭސް ނިސްބަތް ވަނީ އެންޓިކޮންވަލްސެންޓްސް ނަމަކަށް ކިޔާ ބޭހުގެ ބާވަތަކަށެވެ. އެޕިލިމް އަކީ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އެޕިލެޕްސީ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ. އެޕިލެޕްސީ އަކީ ތަކުރާރުކޮށް ފިޓް ޖެހޭ ބައްޔެކެވެ. މި ބަލީގައި ވަރަށް އާންމުކޮށް ފިޓް ޖެހޭ މީހުންނާއި އާދައިގެ މިންވަރަކަށް ފިޓްޖެހޭ މީހުން އުޅެއެވެ.

އެޕިލިމް މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރަނގަޅު ނޫންކަމަށް ފައިސަލް ވިދާޅުވެފައި ވަނީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ހެދި ދިރާސާއެއް ހިއްސާ ކުރައްވަމުންނެވެ. އެއީ 69،390 އަންހެނުންގެ މެދުގައި އެ ބޭހުން ހޯދި ފަރުވާގެ 165،772 ކޭސް އަށް ބަލައި ހަދާފައިވާ ދިރާސާއެކެވެ. 15 އަހަރު ތެރޭ ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތަކުގެ ތެރޭގައި ފަރުވާ ކުރާ އަންހެނުންގެ ތެރެއިން މާބަނޑުވުމުގެ ރޭޓަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެ ބޭހުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުންތައް ބޮޑު ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ދަރިއަކު ހޯދަން ވިސްނާ ނަމަ، ޑޮކްޓަރެއްގެ ލަފައާ ނުލައި މި ބޭސް ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް އެ ދިރާސާއާ އެކު އާންމު ކުރި ރިޕޯޓްގައި ބުނެފައި ވެއެވެ. އެއީ އެ ބޭސް ބޭނުން ކުރާ މީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި ދަރިން ހޯދަން ވިސްނާ ނަމަ ޑޮކްޓަރުގެ ލަފާ ހޯދައި ބޭސް ބަދަލު ކުރުން ބުއްދިވެރިކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.