ބަލިވެ އިނުމާ ގުޅިގެން ހަށިގަނޑަށް ތަފާތު އެތައް ބަދަލެއް އާދެއެވެ. އެގޮތުން އެންމެ އާންމުކޮށް ދިމާވާ ބައެއް ކަންކަމުގެ ތެރޭގައި ބައެއް ކަހަލަ ކާނާ ނުބައިވުމާއި ބައެއް ކަހަލަ ވަސްވަހުގެ ސަބަބުން މޭ ނުބައި ކުރުމާއެކު ހޮޑުލެވުމަކީ ވެސް ދިމާވާ ކަންކަމެވެ. މިކަންކަމާއެކު ސިއްހަތަށް އިތުރަށް ބަލަން ޖެހެއެވެ. އަދި ކެއުމަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހެއެވެ. ސަބަބަކީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް ބައެއް މާއްދާތައް އިތުރަށް ބޭނުން ވުމާއެކު މައިމީހާގެ ހަށިގަނޑަށް ވެސް ކުރިއާ ހިލާފަށް އިތުރަށް ފައިދާ ހުރި ކާނާ ބޭނުންވުމެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ މާބަނޑުދުވަސްވަރު ކާން އެންމެ ރަނގަޅު ބައެއް ކާނާއަށެވެ.
ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވޭ ކާނާ
އެމެރިކަން ޕްރެގްނެންސީ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ހަށިގަނޑަށް އެންމެ މުހިއްމީ އޭގައި ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާގެ ބާވަތްތަކެވެ. އެއީ އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް އެހީވެދޭތީއެވެެ. ޕްރޮޓީން އެންމެ ގިނަ އަދަދަކަށް އެކުލެވިގެންވަނީ މަހުގެ ބާވަތްތަކުގައެވެ. މީގެ އިތުރުން ބިސް އަދި ބީންސް އަކީ ވެސް އޭގައި ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވިގެންވާ ކާނާއެވެ.
ކެލްސިއަމް ލިއްބައިދޭ ބާވަތްތައް
ކެލްސިއަމަކީ ކަށިތަކަށް ވަރަށް ރަނގަޅު މާއްދާއެކެވެ. މާބަނޑު ދުވަސްވަރު ކަށިތަކަށް ދިމާވާ އެކިކަންކަމާ އަރާ ތަދު ތަކަށް މިއީ މުހިއްމު އެއްޗެކެވެ. މީގެ އިތުރުން ދަރިފުޅުގެ ހަށިގަނޑުގެ މަސްތަކާ ނާރުގެ ދުޅަހެޔޮކަމަށް ވެސް ކެލްސިއަމް ހުންނަ ކާނާ ކެއުމުގައި ހިމަނާލަން ޖެހެއެެވެ. ކެލްސިއަމް ގިނަ އަދަދަކަށް ލިއްބައިދޭ ކާނާގެ ތެރޭގައި ކިރު، ޔޯގަޓް، އޮރެންޖު، ބިސް އަދި އަލްމަންޑު ހިމެނެއެވެ.
ފެހި ކަން ގަދަ ތަރުކާރީގެ ބާވަތްތައް
މާބަނޑު ދުވަސްވަރު ކެއުމުގައި ތަރުކާރީގެ ބާވަތްތައް ހިމަނާލުން ވަރަށް ވެސް މުހިއްމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހާއްސަކޮށް ފެހި ކަން ގަދަ ތަރުކާރީގެ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުމުގައި މަދުން ނަމަވެސް ހިމަނާލެވިދާނެއެވެ. އޭގައިވާ ފޯލިކް އެސިޑްގެ ސަބަބުން 'ސްޕައިނާ ބިފިޑާ' ފަދަ ބަލިތަކުން ދަރިފުޅު ރައްކާތެރި ކޮށްދެއެވެ. މިފަދަ ތަރުކާރީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ލެޓިއުސް އަދި ކެބެޖެވެ.
މީގެ އިތުރުން ވެސް މޭވާ އަދި ކާބޯހައިޑްރޭޓްސްއަކީ ވެސް މުހިއްމު ކާނާގެ ބާވަތްތަކެކެވެ. އަދި މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމާ ހަމަ ނިދި ހޯދުމަށް މަސައްކަތް ކުރުމަށް އިސްކަން ދޭންވާނެއެވެ.