ޒަވާޖީ ހަޔާތެއްގައި ފޮޅޭ މަލަކީ އެ ދެމަފިރިންނަށް ލިބޭ ލޮލުގެ ކޮއެފަދަ ދަރިން ކަމަށް ވާއިރު ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިއެއް މި ދުނިޔެއަށް އުފަން ކުރާނީ އެ ބައެއްގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ ފުރިހަމައަށް ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. ބަނޑުގައި ދަރިފުޅު ގަރުބަ ގަތީއްސުރެ ވިހެއުމާ ހަމައަށް، ހާއްސަކޮށް މައިމީހާ، އެ ދަރިއަކާ މެދު ދެކޭ ފޮނި ހުވަފެންތަކާއި އުފުލާ ބުރައާއި ވޭނަކީ މިހެން ލިޔެލާ ލިޔުމަކުން ސިފަ ކޮށްދެވޭނެ ކަންކަމެއް ނޫނެވެ.

ނަމަވެސް ދަރިފުޅު ދުނިޔެއަށް އުފަންވާން އުޅޭކަން އެނގޭ ދުވަހުން ފެށިގެން ކޮންމެ މަންމައެއްވެސް އެމީހެއްގެ ދިރިއުޅުމުގެ އާދަކާދަތައް ބަދަލު ކޮށްލައެވެ. އެއީ އެ ދަރިފުޅަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށެވެ. ކެއުން ބުއިމާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ވަރަށް ކަސްރަތާއި އަދި ހަމައެހެންމެ ގޭތެރޭގެ މާހައުލު ވެސް އެ ދަރުފުޅަކަށްޓަކައި މައިމީހާ ބަދަލު ކޮށްލަނީ ހިތުން ރުހުމުންނެވެ. މިފަދަ ކަންކަމަކީ ކޮންމެ މަންމައަކަށްވެސް މުހިންމު ކަމަކަށްވާއިރު މި ލިޔުމުގައި އަޅުގަނޑު ގެނެސްދޭން ގަސްތު ކުރީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލްގެ އިރުޝާދާއެކު މާބަނޑުވުމަށް ގަސްތު ކުރާ ދުވަހުން ފެށިގެން ވިހެއުމާ ހަމައަށް މައިމީހާގެ އިތުރުން ބަނޑުގައިވާ ތުއްތު ދަރިފުޅާމެދު ވިސްނަންޖެހޭ މުހިންމު ބައެއް ކަންތައްތަކެވެ.

މާބަނޑު ވުމުގެ ކުރިން ވިސްނާލުން މުހިންމު ބައެއް ކަންތައްތައް!

ރާއްޖޭގެ ނިސްބަތަށް ބަލާއިރު ތެލެސީމިއާ ކުދިން ގިނަކަން ފާހަގަ ކުރައްވާ ޑރ. ފައިސަލް ވިދާޅުވީ މިހާރު ރާއްޖޭގައި 650 ވަރަކަށް ކުޑަކުދިން ތެލެސީމިއާ މޭޖާ (ލޭއަޅަން ޖެހޭ) ކުދިން އުޅޭ ކަމަށެވެ. އަދި އެކަން ބަދަލު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ޑރ. އިރުޝާދު ދެއްވީ ކައިވެނި ކުރުމުގެ ކުރިން ދެމީހުންވެސް ތެލެސީމިއާ ޓެސްޓު ކުރުމެވެ. އެއީ އެބައެއްގެ އަމިއްލަ މުސްތަގްބަލަށްޓަކައިވެސް މުހިންމު ކަމެއްކަން ހަމަ ކޮންމެ ދެމަފިރިޔަކުވެސް ގަބޫލު ކުރާނެއެވެ. އެއީ އެއްވެސް ދެމަފިރިއަކަށް ލިބޭ ދަރިފުޅަކީ ސިއްހީ ގޮތުން ކިތަންމެ ކުޑަވެސް މައްސަލައެއް ހުރި ކުއްޖަކަށް ވާން ނޭދޭނެތީއެވެ. އެހެންކަމުން މިއީ ރައްޓެހިވެގެން ކައިވެންޏަކާ ހަމައަށްދާއިރު ދެމީހުންވެސް ވިސްނާލުން ވަރަށް މުހިންމު ކަމެކެވެ.

ތެލެސީމިއާ ކުޑަ ކުދިންތަކެއް ލޭ އަޅަނީ، ރާއްޖޭގައި މިއީ އިތުރުވަމުންދާ ބައްޔެއް ނަމަވެސް މިއީ ހައްލު ކުރެވޭނެ ކަންކަން

ދުރާލާ މާބަނޑުވާން މަސައްކަތް ކުރާ މީހުން މާބަނޑުވުމުގެ މަދުވެގެން އެއް މަސް ދުވަހުގެ ކުރިން ފޯލިކް އެސިޑް ކާން ފެށުމަކީ މުހިންމު ކަމެއްކަން ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ޑރ. ވިދާޅުވި ގޮތުގައި ފޯލިކް އެސިޑަކީ މާބަނޑު ދުވަސްވަރު ތުއްތު ކުއްޖާގެ ސިކުނޑި އާއި މައިބަދަ ފަދަ މުހިންމު ގުނަވަންތައް ރަނގަޅަށް ހެދި ބޮޑުވުމަށް ގިނަ މާއްދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެހެން ކަމުން މާބަނޑު ވުމުގެ ދެ މަސް ކުރިން އަދި މާބަނޑު ވުމަށްފަހުވެސް ފުރަތަމަ ތިންމަސް ދުވަހު މައިމީހާ މި ބޭސް ބޭނުން ކުރުމަކީ ދަރިފުޅަށް އޭގެން ރަނގަޅު ފައިދާތަކެއް ކުރާނެ އަދި މުހިންމު ކަމެއްކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެެވެ.

މާބަނޑު ވުމަށްފަހު މިކަންކަމާމެދު ރަނގަޅަށް ވިސްނާލާ!

މަންމައަކީ ހިތުގެ ބަލި، ހަކުރު ބަލި އަދި ކޮލޮސްޓްރޯލް ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ކުރާ ފަރާތެއް ނަމަ މާބަނޑުވުމަށްފަހު އެކަންކަމަށް ސަމާލުކަން ދިނުމަށް ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ. މަންމަގެ ހަށިގަނޑުގައިވާ ކޮންމެ ބައްޔަކީ ދަރުފުޅަށް އޭގެ ނޭދެވޭ އަސަރު ކުރަން މަގުފަހި ކުރުވާ ކަމެއް ކަމުން މިފަދަ ބަލިތައް ހުންނަ ފަރާތްތަކުގެ ނޭދެވޭ އާދަތައް ބަދަލު ކޮށްލުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ.

ދުޅަހެޔޮ ކާނާ

މީގެ އިތުރުންވެސް ދަރިފުޅަށް އޭގެ ސަބަބުން ގެއްލުންވާނެ ފަދަ ކޮންމެ އާދައަކީވެސް ދުރުވާންޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުޅަހެޔޮ ކާނާ ކެއުމަކީ މާބަނޑުވުމުގެ ކުރިން އެކަން ކަމަށް ވިސްނާ ރަނގަޅު ކުރަންޖެހޭ ފަދަ އާދަތައް ކަމަށް ޑރ. ފާހަގަ ކުރެއްވިއެވެ. އަދި މާބަނޑު ވުމަށްފަހު ނުރަނގަޅު އާދަތަކުން ދުރުވެ ރަނގަޅު އާދަތައް ހަށިގަނޑުގައި އަށަގެންނެވުމަކީ އުނދަގޫ ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެފަދަ އާދައެއް ހުރެ މާބަނޑު ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އެފަދަ އާދަތައް ދޫކޮށްލުމަށް ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

މިފަދަ ކަންކަމަކީ މައިމީހާ ވަށައިގެން ދިރިއުޅޭ އެންމެންވެސް ވިސްނާލުން ރަނގަޅު ކަންކަމެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކައިރީގައި ތިބޭ މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާއިރު އެފަދަ އާދަތަކުން އެކުގައި ކައިރި އުޅޭ މީހުންވެސް ދުރުވުމަކީ މުހިންމު ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލެކޭ އެއްފަދައިން މަސްތުވާތަކެތި ބޭނުން ކުރުމަކީވެސް އޭގެ ނޭދެވޭ އަސަރު ތުއްތު ދަރިފުޅަށް އިންތިހާއަށް ކުރުވާ ކަމަކަށްވި ނަމަވެސް ރާއްޖޭގައިވެސް މިފަދަ އާދަތައް އަށަގަނެފައިވާ މީހުން ގިނަކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. އެފަދަ މީހުން ވިހެއި ނަމަވެސް ތުއްތު ދަރިފުޅަށް ދޭންވާ ސަމާލުކަން ނުދެވި އެމީހެއްގެ އާއިލާއިން ވެސް އެ ކުދިން ބެލުމަށް ދެކޮޅު ހަދައެެވެ.

މާބަނޑު މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެކޮޅު ހަދާ މަންޒަރު

އެއާއެކު އެ ތުއްތު ކުއްޖާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން މަޖުބޫރުވެއެވެ. ސަރުކާރުގެ ފަރާތުން އެ ކުދިން ލަނީ ކުޑަ ކުދިންގެ ހިޔާ އަށް ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މަސްތުވާތަކެތީގެ ނުބައި އަމަލުގެ ސަބަބުން ތުއްތު ކުދިންގެ މުސްތަގްބަލް ހަލާކުވެގެންދާ ކަމަށެވެ. އަދި މިއީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް އިތުރުވަމުންދާ މައްސަލައެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވިއެވެ.

ބަރާބަރަށް ވެކްސިން ޖަހަންތަ؟

މާބަނޑު ވުމުގެ ކުރިންނާއި ފަހުންވެސް ޖަހަންޖެހޭ ވެކްސިންތައް ގަވާއިދުން ޖެހުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފައިސަލް ފާހަގަ ކުރެއްވީ މާބަނޑު ދުވަސްވަރު ނުޖެހޭ ބައެއް ވެކްސިންތައް ހުރުމެވެ. އެގޮތުން ފާނަ ބަސަންދު ވެކްސިނަކީ މާބަނޑު ދުވަސްވަރު ޖެހޭ ވެކްސިނެއް ނޫންކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ، އެ ވެކްސިން މާ ބަނޑުވުމުގެ ކުރިން ޖަހާފައިވާނަމަ އެ ބަލި ޖެހުން ނާދިރު ކަމަށެވެ. އެއީ ނުރައްކާތެރި ބައްޔެއް ކަމަށް ސިފަ ކޮށް މާބަނޑު ދުވަސްވަރު ކުރީކޮޅު ފާނަ ބަސަންދު ޖެހިއްޖެނަމަ ގުނަވަންތައް އުފެދުމަށް ހުރަހަކަށްވެ ބައެއް ފަހަރު ކުދިން ބައިގެންދާ މައްސަލަތައްވެސް ދިމާވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑަށް ކޮވިޑް ވެކްސިން ޖެހުން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފައިލް ފޮޓޯ: މެޑްޕޭޖް ޓުޑޭ

އަދި ހަމައެހެންމެ އިންފުލުއެންޒާ ފަދަ ވެކްސިންތަކަކީވެސް މާބަނޑު ވުމުގެ ކުރިން ޖެހުމަށް ރަނގަޅު ވެކްސިންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބައެއް ބަލިތަކަކީ މަންމަގެ ގައިން ތުއްތު ކުއްޖާއަށް ވާރުތަވާ ބަލިތައް ކަމުން ދުރާލާ އެ ވެކްސިންތައް ފުރިހަމަކޮށް އެފަދަ ކަންކަމުން ދަރިން ދުރުހެލި ކުރުމަށް ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ދަރިފުޅަށް ރަނގަޅު މާއްދާތަށް ފޯރުކޮށްދިނުމަށް މައިމީހާ ރަނގަޅު ކާނާ ބޭނުން ކުރުމުގެ އިތުރުން ދަގަނޑު ބޭހާއި ވިޓަމިން ފަދަ މުހިންމު ބޭސްތައް ކަމުން ޑޮކްޓަރެއްގެ އިރުޝާދާއެކު ބޭސްތައް ނެގުމަކީ މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މާބަނޑު ދުވަސްވަރު ބައެއް ކަހަލަ ވެކްސިންތައް ޖެހުމަށްވެސް ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އިދިފުށަށް ދަމާ ބަލި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ޓެޓްނަސް އެފަދަ ވެކްސިންތައް ޖެހުމަށް ޑރ. ވަނީ އިރުޝާދު ދެއްވާފައެވެ.

ވިހެއުމާއި ތުއްތު އިރު އަމަލު ކުރަންވީ ގޮތް!

ވިހެއުމަކީ އެންމެ ފަހު މަރުހަލާއޭ ބުނެ އުޅުނަސް ވިހެއުމަކީ ހުރިހާ މަރުހަލާއެއްގެ ވެސް ފެށުމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއީ ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު މައިމީހާގެ ބޮލުގައި އެޅޭ ޒިންމާ ބޮޑުވާނެތީއެވެ.

ތުއްތު ދަރިފުޅު ދުނިޔެއަށް އުފަން ވުމަށް ކުރި ފޮނި އުންމީދު ހަގީގަތަކަށް ހަދަން ހޮސްޕިޓަލަށް ދާއިރު ވިސްނާލުން ބައެއް ކަންކަން ޑރ ފައިސަލް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިފަދަ ބޮޑު ކަމަކަށް ދާއިރު މައިމީހާގެ ހޭލުންތެރި ކަމަކީ ވަރަށް މުހިންމު ކަމެއްކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ. މިފަދަ ބޮޑު ކަމަކަށް ދާއިރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ތައްޔާރު ވުމަކީ މުހިންމު ކަމެކެވެ. އެހެން ކަމުން ދުރާލާ އެކަންކަމަށް ތައްޔާރު ވުމަށް ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ގިނަ ބަޔަކަށް އުނދަގޫވެފައިވާ މަރުހަލާއަކީ ގާތުން ދިނުމުގެ މަރުހަލާ ނަމަވެސް ހަމަސް ވަންދެން މައިމީގެ ގާތުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ވިހެއުމުގެ ކުރިން ހޯދާ، ވިހެއުމަށްފަހު އާއިލާ އާއި ފިރިމީހާގެ އެހީތެރިކަން އެކަމުގެ ހޯދުމަކީ ވަރަށް މުހިންމު ކަމެއްކެވެ.

ކުޑަ ކުއްޖަކު ކިރަނީ، ރާއްޖޭގައި ތުއްތު ކުދިން ފަސް އަހަރުވަންދެން ކިރަންޖެހޭ

އަދި ހަމައެހެންމެ ދަރިފުޅު ހެދި ބޮޑުވާ ވަރުން މަހުން މަހަށް ކިރުމާއި ކުޑައިރު ޖެހުމަށް ދީފައިވާ ވެކްސިންތައް ކުއްޖާއަށް ބަރާބަރަށް ދިނުމަކީ ބޮޑެތި ބަލިތަކުން ރައްކާތެރި ކޮށްދޭނެ ކަމެކެެވެ. މީގެ އިތުރުންވެސް ދަރިފުޅު ހެދި ބޮޑުވާ މިންވަރު ދެނެގަތުމަށް ކިރާ ކާޑުގެ ފަހަތުގައިވާ ބައިތައް ރަނގަޅަށް ބަލާ އެކަންކަން އެ އުމުރެއްގައި ނުކުރާނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ އިރުޝާދު ހޯއްދެވުމަށް ފައިސަލް ނަސޭހަތްތެރިވިއެވެ.