އަވަށްޓެރި ސްރީލަންކާގެ ރެކޯޑް ކުރެވިފައި ވާ ތާރީހުގައި ފުރަތަމަ ފަހަރަށް، އެއްމާބަނޑު 6 ކުދިން އުފަންވެއްޖެއެވެ.

އެއްމާބަނޑު 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން އުފަންވީ، އުމުރުން 31 އަހަރުގެ އަންހެނަކަށެވެ.

ވެރިރަށް ކޮޅުނބުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި، ސިޒޭރިއަން އޮޕަރޭޝަނަކަށް ފަހު 6 ކުދިން ނަގާފައި ވާއިރު، 6 ކުދިންނާއި މައި މީހާގެ ހާލުވެސް ރަނގަޅު ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް، 1 ކުއްޖަކަށް އިންޓެންސިވް ކެއާގައި ފަރުވާ ދޭ ކަމަށް ބުނާ ރިޕޯޓެއް، ލަންކާ މީޑިއާއިން ވަނީ އާންމު ކޮށްފައެވެ.

ސިޒޭރިއަން ހަދައިގެން ފުރަތަމަ ނެގީ އަންހެން ކުއްޖެކެވެ. އެއަށް ފަހު 3 ފިރިހެން ކުދިން ނެގުމަށް ފަހު އަނެއް 2 އަންހެން ކުދިން ނެގީ އެންމެ ފަހުންނެވެ.

މި 6 ކުދިންގެ ތެރެއިން އެންމެ ބޮޑުކޮށް އޮތް ކުއްޖާގެ ބަރުދަނުގައި 1.6 ކިލޯގްރާމް ހުރިއިރު، އެންމެ ކުޑަކޮށް އޮތް ކުއްޖާގެ ބަރުދަނުގައި ގާތްގަނޑަކަށް 900 ގުރާމް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ނައިންވެލްސް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދީ، އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޕްރޮފެސާ ޓިރާން ޑިއާސްގެ ޓީމުންނެވެ. މި ޓީމުގައި މެޑިކަލް ސްޓާފުންގެ 30 މެންބަރުން ބައިވެރިވި ކަމަށް ހަބަރު ލިބެއެވެ. އަދި ކުދިންގެ ހާލަތު ވީހާވެސް ރަނގަޅަށް މޮނިޓާ ކުރުމަށްޓަކާ، ކޮންމެ ކުއްޖަކަށްވެސް ހާއްސަ ޑޮކްޓަރަކާއި 3 ނަރުހުން ވަނީ ހަމަޖައްސާފައެވެ.

ކާމިޔާބު އޮޕަރޭޝަނަށް ފަހު، 6 ކުދިންގެ ބައްޕަ ވަނީ ނައިންވެލްސް ހޮސްޕިޓަލުގެ މަސައްކަތަށް ތައުރީފުކޮށް، އޭނާ ހުރީ ހިތްހަމަޖެހިފައި ކަން ހާމަކޮށްފައެވެ.