ދިވެހި ބަހުގައި އާންމުކޮށް އަންހެނުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއް ކަމަށްވާ "ކަނބަލުން" ކިޔުމަކީ ހުތުރު ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، މިއަދު ކުރިއަށް ގެންދަންވީ މަލާއި ކޭކު ފަދަ ތަކެތި ހަދިޔާގެ ގޮތުގައި ދިނުން ފަދަ ކަންކަން ނޫން ކަމަށާއި، ނަމަވެސް ކުރަންވީ ކަމަކީ މާނަވީ ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނިޔަތް ގަނެ، އެ މަގުން މަސައްކަތްކުރުން ކަމަށެވެ.
"އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓްރީން ވަނީ އިރުޝާދު ދެއްވާފަ މަލާ ކޭކު ފަދަ އެއްޗެތި އަދި ރަތް ދޫލަ އެލުމާ އެބާވަތުގެ ކަންކަން ނޫން ކަމަށް މިއަދު އަޅުގަނޑުމެން ކުރިއަށް ގެންދަންވީ، އެހެންނަމަވެސް، މާނަވީ ގޮތެއްގައި އަނެހްނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް ގަނެ އެ މަގަށް އަޅުގަނޑުމެން މަސައްކަތް ހިންގުން." ނަޝީދު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު، ލޯކަލް ކައުންސިލްތަކުގެ ގިނަ ގޮނޑިތައް އަންހެނުން ތަމްސީލް ކުރަމުންދާކަން ފާހަގަ ކުރައްވައި، ނަޝީދު ވަނީ ގައުމު ހިންގުމުގެ ކަންކަމުގައި ގިނަ އަންހެނުން ބައިވެރިވެ، މުހިންމު ދައުރެއް އަދާކުރަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.
މި ހުރިހާ ވާހަކަފުޅަށް ފަހު، ނަޝީދު ވަނީ، އަންހެނުންނަށް ކަނބަލުންނޭ ކިޔައިގެން މުހާތަބުކޮށް ވާހަކަ ދެއްކުމަކީ ހުތުރު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ކަނބަލުންގެ ބަދަލުގައި އަންހެނުންނާ މުހާތަބުކުރާއިރު ބޭނުންކުރާ ބަސްތައް ބޭނުންކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
"އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް، "ކަނބަލުން"ނޭ ކިޔައިގެން މި ދައްކާ ދެއްކުން. އަންހެނުން، އަންހެން ބޭފުޅުން، މި ބަސްތައް. އާންމުކޮށް އަޅުގަނޑުމެން ބޭނުންކުރާ [މި] ބަސްތައް ބޭނުންކުރަމުން ދިއުމަކީ އަޅުގަނޑު ފާހަގަކުރަން ރަނގަޅު ނުކުތާއެއް." ނަޝީދު ވިދާޅުވިއެވެ.
ކަނބަލުން އެއީ އައްޑޫ ބަހުރުވައިން އަންހެންދަރިންނަށް ލޯބިންކިޔާ ކަނބުލޯއިން ނެގިފައިވާ ވަރަށްލޯބިނަމެއް ނަޝީދަކަށް ނޭގޭނެ ރީތިދިވެހި ނަންތައް