ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ރާއްޖެ އޮންލައިން (އާރްއޯއެލް) ގެ ހިދުމަތް ފޯރުކޮށް ދިނުމާއި ގުޅޭ ޕާޓްނޭޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. އަދި އާރްއޯއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުއީދެވެ.

އެޗްޑީސީން ބުނީ، މި އެއްބަސްވުމުގައި ސޮއި ކުރުމާއެކު، މިވަގުތު ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ހިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެޗްޑީސީން ގާއިމު ކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދީ އެކި ފަރާތްތަކަށް އެއްވިއުގައަކުން އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވި އަދި މިކަން ކަމަށްދާ ހަރަދު ވެސް ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިފަދަ ހިތުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސޯދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން އިސްނަގައިގެން މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށް ދިނުމެވެ. އަދި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ހިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި އެޗްޑީސީގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެމެވެ.