ހުޅުމާލޭގައި ޕާކިން ބިލްޑިން އެއް ހަދަން އެޗްޑީސީއިން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ޕާކިން ބިލްޑިން އެއް ހަދަން ހަވާލުކުރީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދު ކުރުމަށް ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރި، ދަމާސް ކޮމްޕެނީ އާ އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހުއެވެ. އަދި އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

އެޗްޑީސީއިން ބުނީ އެއްބަސްވުމުގެ ދަށުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ޕާކިން ބިލްޑިންގައި ސައިކަލު އަދި ކާރުޕާކް ކުރެވޭނެ ކަމަށާއި އެ ބިލްޑިން ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްއާއި ދިމާލުން ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގައި ކަމަށެވެ.