ހިޔާ ސަރަހައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، ނިންމައި މަގުތައް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހއްދުގެ މަގުތައް ހެދުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށާއި މިއަދު އެ މަގުތައް އާންމުން ބޭނުން ކުރާ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ހިޔާ ސަރަހއްދުގައި ދިރިއުލޭ މީހުންނަށް ފަސޭހާ ކޮށް ދިނުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް އެ ސަހަރައްދުގައި ގާއިމްކުރަން ނިންމާފައިވާ ވަސީލަތްތައް ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަށް މި މަސް ނިމުމުގެ ކުރިން ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިޔާ ސަރަހައްދުގެ މަގުތައް ހަދާ، ހުޅުވާލާފައި މިވަނީ އެ މަގުތައް ހެދުން ލަސްވެ އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ. އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދާއިރު، އެސަރަހައްދުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ހަދައި އާންމުންނަށް ފަސޭހާ ވާނެ ހުރިހާ ވަސީލަތްތަކެއް ކައިރިން ލިބޭނެ ގޮތަށް މި ރޯދައިގެ ކުރިން ހަމަޖައްސަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފައެވެ.