ފޭސް 2 ގެ ހިޔާ ޕްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމަށް އެޗްޑީސީއިން 5 ފަރާތަކާއެކު ސޮއިކޮށްފިއެވެ.

އެޗްޑީސީއިން ބުނީ އެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސޮއިކުރި 5 ފަރާތަކީ ‎ޑައިންމޯ ރެސްޓޯރަންޓް، ‎މޭނާ ކޭޓަރިން (ރެސްޓޯރަންޓެއް ހިންގަން)، ‎މާލަސް ކެފޭ، އައިޖީއެސް އަދި ‎މީޑިއާނެޓް ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު އެ ސަރަހައްދުން އާއްމު ހިދުމަތް ނުލިބޭ ޝަކުވާތައް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ. އެ ސަރަހައްދުގައި 3 ވަނަ ފިހާރައެއް މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ.

ހިޔާ މަޝްރޫއުގައި 6720 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް 16 ޓަވަރު ވަނީ އަޅާފައެވެ. އެ ޓަވަރުތަކުގައި 40،000 މީހުންނަށް ދިރިއުޅެވޭ އިރު، ހުރިހާ ޓަވަރުތަކެއްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ކުއްޔަށް އުޅޭ މީހުންގެ ބޭނުންތައް ފުއްދުމަށް ކޮމާޝަލް އަދި އިންސްޓިޓިއުޝަނަލް ބޭނުންތަކަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ އެންމެ ތިރި ހާއްސަ ކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލައިފައެވެ. މިދިޔަ ހަފްތާގައި ހިޔާ ފްލެޓުގެ 15 ވަނަ ޓަވަރުގައި ވަނީ ސެލޫނެއް ވެސް ހުޅުވައިފައެވެ.