އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފިއެވެ.

މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. އަދި އައިޖީއެސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

އެޗްޑީސީއިން ބުނީ މި މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުން ކަމަށާއި މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެއް ކަމަށެވެ. މި ސެޓެލައިޓް ހަދައި ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީއިން ބުނީ މި ތާރީހީ މިޝަންގެ މެއިން ޕާޓްނަރަކަށްވުމީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސްއިން ފާހަގަކުރައްވާ ގޮތުގައި އެޗްޑީސީގެ އެހީތެރިކަމާއެކު އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަގްސަދު ހާސިލުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.