ރަޝިޔާ އާއި ޔޫކްރައިން އާ ދެމެދު އޮތް ހަމަނުޖެހުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި، ރަޝިޔާ ޔޫކްރައިން ސަރަހައްދާ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެ ސަރަހައްދުން 20 ޕަސެންޓު ހިއްސާކުރާއިރު، މި މައްސަލައިގެ ސަބަބުން އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން ކަމަށްވާއިރު، އެ ގައުމުގެ އަވަށްޓެރި ޔޫކްރައިން އަބަދުވެސް ގަދަ 10 ގައި ހިމެނިފައިވެއެވެ.

ނަމަވެސް، އެ ސަރަހައްދުގައި ހަނގުރާމަ ފެށުމާއެކު، އެކަމުގެ އަސަރު ކުރާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިހާރުވެސް އެ ސަރަހައްދުން ރާއްޖެ އަންނަން ބުކިން ހަދާފައިވާ ބައެއް ފަތުރުވެރިން ބުކިންތައް ކެންސަލްކުރަން ފަށާފައިވާ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ހިތްހަމަ ޖެހެނީ ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން މިފަދަ ކޮންމެ ކަމަކުން އަރައިގަނެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތުން އަޅުގަނޑުގެ އުންމީދަކީ މި މައްސަލަ، ހަނގުރާމަ ހުއްޓި، ސުލްހަވެ، އަނެއްކާ ޔޫރަޕް ހަމައަކަށް އެޅި ކުރިއަށް ދެވޭނެ ކަމަށް."
ޑރ. އަބްދުالله މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މިހާރުވެސް އެ ދެ ގައުމުގެ ގިނަ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ރަޝިޔާ އާއި ޔޫކްރައިންގެ ފަތުރުވެރިންގެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާކުރުމަށް، ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް އަންގާފައިވާނެ ކަމަށާއި، އެ މައުލޫމާތުތައް މިނިސްޓްރީއަށް މިހާރު ލިބެމުންދާ ކަމަށެވެ.

އަދި ރަޝިޔާ އާއި ޔޫކްރައިނަކީ ރާއްޖޭން އޮން އެރައިވަލް ވިސާ ދޭ ދެ ގައުމު ކަމަށްވާއިރު، އެ ދެ ގައުމުގެ ވިސާ އިތުރުކުރަން ޖެހިއްޖިއްޔާ އެކަން ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިމިގްރޭޝަނުން މިއަދު އަޅުގަނޑަށް ޔަގީންކަން އެރުވި އެއްވެސް ހާލަތެއްގައި އެބޭފުޅުން ރަށަށް ދިއުމުގައި ދަތިތަކެއް ދިމާވެގެން ރަށަށްދާން ބޭނުން ނުވެގެން މަޑުކޮށްގެންވެސް ދިގުލައިގެން ގޮސްގެން ވިސާ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން އެ ވިސާ ދެއްވާނެކަމަށް."
ޑރ. އަބްދުالله މައުސޫމް | ޓޫރިޒަމް މިނިސްޓަރު

ރަޝިޔާ އާއި ޔޫކްރައިންގެ ހާލަތު ގޯސްވެފައިވާއިރު، ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައިވެސް ރަޝިއާ އަސްކަރިއްޔާގެ ބަރު އުޅަނދު ފަހަރު ދުއްވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޔޫކްރައިންގެ ދިފާއީ ވުޒާރާއިންވެސް ވަނީ ރަޝިއާގެ އަސްކަރިއްޔާގެ އުޅަނދުތައް، ކިއޭވްގައި އާންމުން ދިރިއުޅޭ ހިސާބުތަކަށް ވަދެގެންފައިވާކަން ކަށަވަރުކޮށްދީފައެވެ. މިމަންޒަރުތައް، ސޯޝަލް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިނަށް އެރީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ފަހުން މިހާތަނަށް ޔޫކްރައިނުން 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ ކަމަށް އެގައުމުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ހާމަ ކުރައްވާފައެވެ.