އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގައި ހިމެނޭ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފިއެވެ.
ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲއެވެ.
ސަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން ފަށަން އޮތް ހުރަސް ކަމުގައި ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑަށް ފަހު އަދިވެސް ބަންދުކޮށްފައި އޮތް ޝަންގްރިލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތާލެވިއްޖެ ކަމަށާއި އެއާއެކު އެ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ހޮންގްކޮންގުގެ ހޮޓެލް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިލާ އިން ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ސަންގްރިއްލާގައި އަކީ އައްޑޫ އިންވެސްޓްމަންޓްގެ 70 ޕަސެންޓް އޮންނަ ރިސޯޓަކަށްވާއިރު އެ ރިސޯޓް ވިއްކާލަން މިހާރު ވަނީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފައެވެ. އަދި މަންޓާ އެއާ ހިންގަމުން އަންނަ ރިއޯލޯ ކުންފުނިން ވަނީ އެ ރިސޯޓު ގަންނަން ނިންމާފައެވެ.
ޓޫރިޒަމްގެ ގާނޫނު އިސްލާހުކުރުމަށްފަހު ސަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާއިރު ހިއްސާ ދޫކޮށްލަން ސަރުކާރުން 80 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ކޮވިޑް 19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދުކޮށްފައިވާއިރު އެ ރިސޯޓު ހުޅުވުމަށް މީގެ ކުރިންވެސް ގިނަ ތާރީހްތަކެއްވަނީ ދީފައެވެ.