ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީ އަށް އަލުން ސޮއިކުރެއްވި މައުސޫމް، އެ ޕާޓީގެ މެމްބަޝިޕް ފޯމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރެއްވީ ރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މައުސޫމްގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފައެވެ.

ޑީއާރުޕީގައި ހުންނެވުމަށް ފަހު އޭރު އެމްޑީޕީ ގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މޭ 5، 2014 ގައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު، މައުސޫމް އެ ޕާޓީން ވަކިވެވަޑައިގަތީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ.

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއުލާނުކުރެއްވުމުން، އެ ޕާޓީގެ ގިނަ މެންބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ނަމަވެސް އެއްވެސް ޝަރުތަކާ ނުލާ ރައީސަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައި މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މައުސޫމް ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

މައުސޫމްގެ އިތުރުން، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ އެމްޑީޕީ އަށް އަލުން ސޮއިކުރައްވައިފައެވެ. ހަމަ އެއާއެކު ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑެޕިއުޓީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމާއި އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިންގެ އިތުރުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފައެވެ.