ރާއްޖެއަށް 103 ވަނަ ފަހަރަށް ޒިޔާރަތް ކުރި ޖަޕާނުގެ ފަތުރުވެރިޔާ ނައިޓޯ ޓަކާޝީ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައްދަލު ކުރައްވައިފިއެވެ.

ނައިޓޯ ޓަކާޝީ ނަމަކަށް ކިޔާ ޖަޕާނުގެ ފަތުރުވެރިޔާ އަކީ ފާއިތުވީ 24 އަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރި އެކެވެ. އޭނާ ވަނީ އަހަރަކު 3 ނުވަތަ 5 ފަހަރަށް ރާއްޖެ ޒިޔާރަތް ކޮށްފައި ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް، ޓަކާޝީއާ ބައްދަލު ކުރެއްވީ އިއްޔެ ފަން އަޒުލް ފްލީޓް ނަމަކަށް ކިޔާ ސަފާރިއެއްގައި ބޭއްވި ރައްސްމިއްޔާތެއްގައެވެ. ޓަކާޝީއާ ބައްދަލު ކުރައްވާ މައުސޫމް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި މައުސޫމް ވަނީ އޭނާ ރާއްޖެއަށް އެހާ ގިނަ ފަހަރު ޒިޔާރަތް ކުރުމުން ހަނދާނީ ހަދިޔާއެއް ވެސް ދެއްވާފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކޮށްފައިވާ އިރު، އެކަމަށް ތައްޔާރު ވުމަށް 2021 ވަނަ އަހަރުން ފެށިގެން ވަނީ ހާއްސަ ކެމްޕެއިންތަކެއް ހިންގާފައެވެ. އެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރު ކުރުމާއި ފަތުރުވެރިން ތަކުރާރުކޮށް އަންނާނެ މަންޒިލަކަށް ހެދުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ އެއްފަހަރު އައުމަށްފަހު އަނެއް ފަހަރު ވެސް އަންނާނެ ބަޔަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒުގެ ގޮތުގައި ޓޫރިޒަމް ސިނާއަތުން ދެކިގެން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް ފަތުރުވެރިންނަށް ދޭ މެހެމާންދާރީގެ ސަބަބުން ކޮންމެ ފަހަރަކު ޗުއްޓީ ހޭދަކޮށްލަން ފަތުރުވެރިން އަންނާނެ މަންޒިލަކީ ރާއްޖެ ކަމުގައި ވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރި ކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކިގެން ކުރިއަށް ގެންދިޔަ މަސައްކަތް ތަކުގައި ޓޫރިޒަމް މިނސްޓަރު ވަނީ މި ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންނަށް ހާއްސަ ޝުކުރެއް ރައްދު ކޮށްފައެވެ.

ޓަކާޝީ ރާއްޖެއަށް 103 ވަނަ ފަހަރަށް އައިސްފައިވާ އިރު، މިގޮތަށް ރާއްޖެއަށް އެތައް ފަހަރަކު ޒިޔާރަތް ކުރާ ޓުރިސްޓުން ގިނަ ވަމުން އަންނަ ކަމަކީ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި މި ކަމަކީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެސް ކޮށްދޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.